ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިފައިވާ ގޮތުން އެ ކޮމިޝަނުގެ ތެރެއަށް ސިޔާސީ ނުފޫޒު އެއްކޮށް ނުދިޔަ ނަމަވެސް، ރަނގަޅު ގޮތުގައި އެ ކޮމިޝަން އިސްލާހުވެގެންދާ ކަމަށް، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅީ މިދިޔަ ޖޫން މަހުގެ 19 ގައެވެ. ނަމަވެސް ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހުމާއި މަޖިލީހުގެ ކޯރަމް އެކި ދުވަސް މަތިން ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ފަހު، ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ މަހުގައެވެ. އަދި ބަހުސް ވަނީ މިއަދު ފަށައިފައެވެ.

ބިލަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖޭއެސްސީ އަށް އައްޔަނުކުރުމުގެ ބަދަލުގައި މަޖިލީހުގެ ފަރާތުން އާންމު 2 މެންބަރުނަ ކޮމިޝަނަށް އައްޔަނުކުރަން ފެންނަ ކަމަށާއި، ކޮމިޓީ މަރުހަލާގައި އެގޮތަށް ބިލަށް އިސްލާހު ގެނައުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"އޭރުން އެއްކޮށް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނެއް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން ވެގެން ދާނެ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޖޭއެސްސީ އިސްލާހުކުރުމުގެ ބިލުތަކަށް ބަހުސްކުރުމުގެ މަރުހަލާ އަވަހަށް ނިިންމައި، ވީހާ ވެސް އަވަހަކަށް ޖޭއެސްސީގެ ގަވައިދަށާއި ގާނޫނުއަސާސީ އަށް އިިސްލާހު ގެނައުން މުހިންމެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ މިހާރު އޮތް ގޮތުން ޖޭއެސްސީ އަށް ސިޔާސީ ނުފޫޒު އެއްކޮށް ފޯރާފައި ނެތަސް މަޖިލީހަށް މިހާރު ވައްދާފައިވާ ބިލުތައް ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ އެ ކޮމިޝަން އިސްލާހުވެގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖޭއެސްސީ އެކުލެވިގެން ވާން ވާނީ މުޅި ދައުލަތް ތަމްސީލުކުރެވޭ ގޮތަށެވެ.

ގާނޫނުއަސާސީ އާ ހަވާލާދެއްވައި ނިޔާޒް ފާހަގަކުރެއްވި ގޮތުގައި، ވަކި މަގާމެއްގެ ސަބަބުން ޖޭއެސްސީގެ މެންބަރުކަމުގައި ހުރެވޭނީ އެ މަގާމެއްގައި ދެމިހުރިހާ ހިނދެއްގައެވެ. އެހެންނޫނީ ޖޭއެސްސީ އަށް އައްޔަނުކުރާ މެންބަރުންނަށް ތިބެވޭނީ ފަސް އަހަރުގެ އެއް ދައުރު ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނިޔާޒް ވިދާޅުވި ގޮތުގައި، ޖޭއެސްސީގައި މަޖިލީހުގެ މެންބަރެއް ހިމެނީ ދައުލަތުގެ ހުރިހާ ބާރެއް ތަމްސީލު ކުރުމަށް ފުރުސަތު ދިނުމުގެ ވިސްނުމުގެ ދަށުންނެވެ.

"އެހެންނަމަވެސް އެއީ އަޅުގަނޑުމެންނަށް އެންމެ ކަމުދާ ގޮތް ނޫން ކަމަށް ވާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނެތުމަކީ ވެސް ހަމަ ރަނގަޅުކަމެއް، ދެން އޭގެ ބަދަލުގައި ކޮމިޝަނުގައި ހިމަނަންވީ ކޮން ފަރާތްތަކެއްތޯ ވެސް އަޅުގަނޑުމެން އެބަ ޖެހޭ ފުންކޮށް ވިސްނަން،" ޝަރީފްގެ ނުކުތާ އަށް ބާރު ދެއްވައި ނިޔާޒް ވިދާޅުވިއެވެ

މިހާރު އޮތް ގޮތުން ނަމަ ކޮމިޝަންގެ މެޖޯރިޓީ އޮތީ ފަނޑިޔާރުންގެ އަތުގައި ކަމަށް ވިދާޅުވެ، ނިޔާޒް ވިދާޅުވީ، ރިޓަޔާކުރައްވާފައިވާ ފަނޑިޔާރެއް ވެސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވުން ރަނގަޅު ކަމަށެވެ.