ދުވަސްވެ ވީރާނާވުމުގެ ސަބަބުން ރަނގަޅުކުރަން ތަކުރާރުކޮށް އަންގާފައިވާ އިމާރާތެއްގެ ބައެއް ވެއްޓިއްޖެއެވެ.
ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ވެއްޓިފައި ވަނީ ފަރީދީ މަގު ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ މ. ސުންބުލާ ގޭގެ ބެލްކަނީގެ ބައެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިމާރާތަކީ ބިދޭސީންނަށް ކުއްޔަށް ދީފައި ހުންނަ ތަނެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާލިބިފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިމާރާތް ރަނގަޅު ކުރަން ވަރަށް ގިނަ ފަހަރުމަތިން ސިޓީ ކައުންސިލުން އެތަނުގެ ވެރިފަރާތަށް ވަނީ އަންގާފައެވެ. އިމާރާތް ރަނގަޅު ކުރަން އެންގުމުން ވެރިފަރާތުން އެދިފައިވަނީ ސިޓީ ކައުންސިލުން އެތަން ތަޅައިދިނުމަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން މިފަދަ ބައެއް އިމާރާތްތަކުން ބައިތައް ވެއްޓި ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ.
މާލޭގައި ހުރި ދުވަސްވީ ބައެއް އިމާރާތްތައް ބާ ވުމުގެ ސަބަބުން، އާންމުންނަށް ނުރައްކާވެދާނެ ފަދަ ހާލަތުގައި ހުރުމުން އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާއިރު މިފަދަ އިމާރާތްތައް ވީހާ އަވަހަކަށް ރަނގަޅު ކުރުމަކީ މުހިންމު ކަމެއް ކަމަށް އާންމުން ދެކެއެވެ.