އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ރައީސް ނަން ފޮނުއްވާފައިވާ ހާލި، އއ. ފެރިދޫ އަލީ ނަޝާތުއާ ގުޅޭގޮތުން ޝަކުވާއެއްވޭތޯ ބެލުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީސީގެ މެންބަރަކު މިދިޔަ ޖުލައި މަހުގެ ނިޔަލަށް މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތީ، އިލެކްޝަން ކޮމިޝަންގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އީސީއިން މެންބަރަކު އައްޔަންކުރުމަށްޓަކައި، ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަން ދިރާސާކޮށް ނިިންމުމަށްޓަކައި، މޭ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

އެހެންކަމުން، އީސީގެ މެންބަރުކަމުގެ މަގާމަށް އައްޔަނު ކުރުމަށްޓަކައި ރައީސް ނަން ފޮނުއްވާފައިވާ ނަޝާތުއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ދަށުން އިއުލާނު ކުރާ ކަމަށެވެ.

ނަޝާތުއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއްވާނަމަ، މާދަމާ މެންދުރުފަހު 2:00 ގެ ކުރިން ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް ޝަކުވާ އެ ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected])އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން އެ ޝަކުވާއެއް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އެދިފައެވެ.

ނަޝާތުގެ ދައުރު ހަމަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު އޭނާގެ ނަން ފޮނުއްވާފައިވާއިރު އީސީގެ މެންބަރު ކަމަށް އައްޔަން ކޮށްފައި ވަނީ ޖުލައި 25، 2018 ގައެވެ.

އީސީގައި ކޮމިޝަންގެ ރައީސާއެކު ޖުމްލަ ފަސް މެމްބަރުން ތިބޭއިރު އެ ކޮމިޝަނުގެ މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.