މެދު ކެނޑުމެއްނެތި އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ވައިގެ ހަމަލާތައް ދެމުން ގެންދިޔަ ނަމަވެސް ދިވެހިން އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން" (އައިއޭސީ)ގެ ޓީމުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައި ނަމޫނާ ދައްކައިފިއެވެ.
ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ހަނގުރާމަ އިއުލާންކޮށް އިޒްރޭލުން ގާޒާއަށް ދޭން ފެށި މިސައިލް ހަމަލާތަކުގައި 400 މީހުން ޝަހީދުވެ، 2،300އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ނަމަވެސް އަމާޒުވެދާނެ ހަމަލާއަކަށް ބެލުމެއް ނެތި އައިއޭސީ ޓީމުގެ ގްރައުންޑް ގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ހަރަކާތްތެރި ވަމުންދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ވުމުގައެވެ. އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން އެ ޓީމުން ގެންދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޒަރޫރީ ކަންތައްތައް ކޮށްދިނުމުގައި އެހީ ފޯރުކޮށްދެމުންނެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އެހީ ވުމަށް ﷲ އަންގަވާފައިވާ ބަސްފުޅަށް އަމަލު ކުރުމުގައި އެމީހުންގެ ފަރާތުން ފެންނަނީ ނަމޫނާ މިސާލެކެވެ.
ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ލޮބުވެތި މުސްލިމު އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑް ރައިޒިން ކެމްޕެއިނެއް އޭއައިސީން ފަށާފައި ވަނީ އިއްޔެގައެވެ. އެއާއެކު އެ ކަމަށް ދިވެހިން އިޖާބަދީ ފާއިތުވި 24 ގަޑިއިރު ތެރޭގައި 1 މިލިއަނެއްހާ ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށް އައިއޭސީގެ މީޑިއާ ކޯޑިނޭޓަރު އަޒްހަދު އަހުމަދު ވަނީ ބުނެފައެވެ.
އަދި ދިވެހިންގެ ފަރާތުން ލިބިދޭ އެހީ ފޯރު ކޮށްދިނުމަށް ބޮޑު އިސްކަމެއް ދޭނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރު ކޮށްދިނުމަށް އަޒްހަދު ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ އެ ފަރާތްތަކަށް ބޭނުންވާ މެޑިކަލް އިކިއުޕްމަންޓްތަކުގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދާ ދިނުމަށްވެސް މި ފައިސާގެ އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދިނެވެ.
އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން 12 ޕަސެންޓު ކެމްޕޭން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.
އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ އަމާޒަކަށް ގާޒާގެ ރައްޔިތުން މީގެ ކުރިންވެސް ވެފައިވާއިރު ދިވެހިން ދަނީ އެމީހުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ޖަމިއްޔާ މެދުވެރިކޮށް، މީގެ ކުރިން ވެސް ދިވެހިން އެތައް މިލިއަން ރުފިޔާއެއް ފަލަސްތީނަށް ވަނީ ހަދިޔާކޮށްފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލް އިސްލާމިކް:
- އެކައުންޓް ނަމްބަރު: 7770000062741
- އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
- އެކައުންޓް ލޭބަލް: IAC | EMERGENCY
ފަލަސްތީންގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށް އިޒްރޭލުން ދަތި ކުރުމުގެ އެތައް ފިޔަވަޅެއް އަޅަމުންދާ މި ދަނޑިވަޅުގައި ކާބޯތަކެތީގެ އިތުރުން ކަރަންޓާއި ތެޔޮ ސަޕްލައި ކުރުން ވެސް އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ.