ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅި ގަރާޜު ލިބިފައިވާ ކަން މަޖިލީހުގެ އިދާރާ އިން ހާމަކޮށްފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ، ނަޝީދު ވަކިކުރުމަށް ހުށަހެޅުނު މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކުރިއަށް ދާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ ޖުމްލަ މެންބަރުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހަމަކުރުމަށް ފަހު، މަގާމުން ވަކިކުރަން ބޭނުންވާ ސަބަބު ބަޔާންކުރުމަށް ފަހުގައެވެ.

އެ ގަރާރު މަޖިލީހަށް ލިބުމުން ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި މެންބަރުންނަށް އަމީންއާންމު ނޯޓިސް ފޮނުވަން ޖެހޭނެ ކަމަށާއި، ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އެންމެ އަވަހަށް އޮންނަ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށްޓަކައި ދެވަނަ ފަހަރަށް މައްސަލަ ވައްދާފައި ވަނީ 49 މެންބަރުންގެ ސޮޔާ އެކުގައެވެ

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގައިވާ ގޮތުން، ވަކި ފަރާތަކަށް ނުޖެހި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، މަޖިލީހުގެ އެންމެހާ ކަންކަން ހިންގާނީ މަޖިލީހުގެ ރައީސް ކަމަށާއި، ނަމަވެސް ނަޝީދު ތަކުރާރުކޮށް އެ މާއްދާ އާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ނަޝީދަށް އިތުބާރު ނެތް ކަމަށް އަލުން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަން ފާހަގަކުރެވޭތީ އާއި، މަޖިލީހުގެ އެޖެންޑާ ތައްޔާރުކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ނުހޯދާތީ ކަމަށެވެ.

ތަކުރާރުކޮށް ނަޝީދު މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް އަމަލުކުރައްވަމުން ދާ ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް 54 މެންބަރުންގެ ސޮޔާ އެކު އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް މިދިޔަ މަހު ކުރީކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލަ އަނބުރާ ގެންދަވައިފައެވެ. އެ ފަހަރު ނަޝީދުގެ މައްސަލަ އަނބުރާ ގެންދިޔައީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް އެމްޑީޕީ އާ އެކު މަޝްވަރާކުރެވެމުން ދަނިކޮށެވެ.