މާ ބޮޑު ތަފްސީލެއް ނުދިން ނަމަވެސް، ކޯރަމް ހަމަނުވާ ކަމަށް ބުނެ، މަޖިލީހުގެ ޖަލްސާ އެއް މިއަދު ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވެވަޑައިގަތް ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ޖަލްސާގެ ކޯރަމް ހަމަނުވާތީ މިއަދު ޖަލްސާ ނުބާއްވަން ނިންމެވީ ކަމަށާއި، ޖަލްސާ އެއް ދެން ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.

އެހެން ނަމަވެސް ޖަލްސާ އަށް އެ ވަގުތު ހާޒިރުވެވަޑައިގަތް މެންބަރުންގެ އަދަދެއް އީވާ ހާމަ ނުކުރައްވައެވެ.

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ޖަލްސާގެ ކޯރަމް ހަމަވާނީ މަޖިލިސް މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިގެންފި ނަމައެވެ. 19 ވަނަ މަޖިލީހުގައި ކޯރަމް ހަމަވުމަށް 22 މެންބަރުން ބޭނުންވާނެއެވެ.

އެކި އެކި ސަބަބުތަކާ ހެދި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ދައުރުގައި މާ ބޮޑު މަސައްކަތެއް ކުރެވޭ މަންޒަރެއް ނުފެނެއެވެ. މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކުގައި ކޯރަމް ހަމަނުވުމުގެ ސަބަބުން ބައެއް ދުވަސްދުވަހު ޖަލްސާތައް ނުފެށި، ނުވަތަ ޖަލްސާތައް ނިންމާލަން ޖެހޭ ކަން ފާހަގަކުރެވެއެވެ.