ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަލީ ސީޒަން އެކްޓިން ދާއިރާ އިން ބްރޭކެއް ނަގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ސީޒަން ބުނީ ފިލްމު ކުޅުމާއި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމީ ދާއިރާގެ އެހެނިހެން ކަންތައްތަކުން ދުރަށް ޖެހިލަން ނިންމާފައިވާ ކަމަށެވެ. ސީޒަން ބުނީ މަސައްކަތުގެ އިތުރުން އެހެން ކަންކަންވެސް ހުރުމުގެ ސަބަބުން މިދުވަސްކޮޅު މި ދާއިރާއާ ދުރަށް ޖެހިލަނީ ކަމަށެވެ. އެކްޓަރު ބުނީ މިއީ ނަގާ ވަގުތީ ބްރޭކެއް ކަމަށާއި ފިލްމީ ދާއިރާ އިން އެއްކޮށް ވަކިނުވާނެ ކަމަށެވެ.

"ދެން ވަކިވެގެން ދާކަށްވެސް ފަސޭހައެއް ނުވާނެ ކަންނޭނގެ. އެތައް ޒަމާނެއް ވަންދެން އެއްކޮށް މަސައްކަތް ކޮށްފައި ތިބި ހަމަ ވަރަށް ގާތް އެއްބަނޑު އެއްބަފާކަން އިހުސާސް ކުރެވޭ ވަރަށް ބައިވަރު ފަންނާނުން ތަކެއް މިއުޅެނީ،" ސީޒަން ބުންޏެވެ.

ސީޒަން ދިވެހި ފިލްމު އިންޑަސްޓްރީ އިން ބްރޭކެއް ނަގަން ވިސްނިއިރު އޭނާ ކުޅެފައި އޮތް ފިލްމެއް މިހާރުވެސް އޮލިމްޕަހުގައި އަޅުވާފައި އެބައޮތެވެ. އެއީ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކޮށްފައިވާ "ކަޅަކި" އެވެ. އޭގެ އިތުރުން މި އަހަރު ސީޒަންގެ އެސްޕްރޮޑަކްޝަންގެ ބޮޑު ހިއްސާއަކާ އެކު ސިންގަޅަ ތަރިންނާއެކު ފިލްމު "ކައުޝީ" ގެނެސްދިން އިރު މިއަހަރު ކުރީކޮޅު ވަނީ ސީޒަން ޑައިރެކްޓްކުރި ފިލްމު "ލޯބިވެވިއްޖެ" ވެސް ގެނެސްދީފައެވެ.