މާލޭގައި މީހެއް އަތުން ސައިކަލެއް ފޭރިގަނެގެން ދަނިކޮށް އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ލިލީ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 07:02 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓްވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރުމަށް ފަހު ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ލިލީ މަގުގެ ދިވެހި އިންޝުއަރެންސް ކައިރީގައެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުން ދާއިރު މިމަހު 6 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ އުމުރުން 74 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ.

އެއެކްސިޑެންޓުގައި ނިޔާވެފައިވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ބައްޕަ، އަހްމަދު މަނިކަށެވެ.

މަައުލޫމާތު ލިބިފައިވާ ގޮތުގައި، ފޭރުނު ސައިކަލުގައި ދެމީހުން ތިބި އިރު އެމީހުން ލިލީ މަގުން ދިޔަ ފަތުރުވެރިއެއްގެ އަތް ދަބަހެއް ވެސް ވަނީ ފޭރި ގަނެފައެވެ.

ސައިކަލް ދުއްވަން އިން މީހާ އެކްސިޑެންޓު ވުމުން ފިލާފައި ވާއިރު ފަހަތުގައި އިން މީހާ އަނިޔާވުމުގެ ސަބަބުން ހަބަރު ހުސްވެގެން ވެއްޓިފައި އޮތް ކަމަށް މައުލޫމާތު ލިބެއެވެ.