ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން ޕޯޓުގެ ދާއިރާތަކަށް އިތުރުކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު "ޕޯޓް އޯޕަން ޑޭ" އެއް ބާއްވަން އެމްޕީއެލުން ނިންމައިފިއެވެ.

އެމްޕީއެލުން ބުނީ، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ޕޯޓް އޯޕަން ޑޭ"ގެ ހަރަކާތްތައް ދެ ދަންފަޅިއަކަށް ބަހާލައިގެން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާނެ ކަމަށެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، ފުރަތަމަ ދަންފަޅި އޮންނާނީ ހެނދުނު 8:30 އިން މެންދުރު 12:45 އަށެވެ. އަދި ދެވަނަ ދަންފަޅި އޮންނާނީ މެންދުރު 12:30 އިން ހަވީރު 4:15 އަށެވެ.

އޯޕަން ޕޯޓް ޑޭ ގެ މަގްސަދަކީ، އެމްޕީއެލުން ބުނި ގޮތުގައި:

  • ޕޯޓުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ދަރިވަރުންގެ މެދުގައި އިތުރުކުރުން
  • އެ ދާއިރާގައި ކުރިއަށް ދެވެން ހުރި ކެރިއަރުތަކުގެ މައުލޫމާތު ހިއްސާކުރުން
  • އެމްޕީއެލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދީ ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުން
  • ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުން

އެ ދުވަހުގެ ހަރަކާތުގައި ބައިވެރިވާ ދަރިވަރުންނަށް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ބައިނަލްއަގުވާމީ ބަނދަރަށް ޒިޔާރަތްކޮށް، ޕޯޓުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލާލުމުގެ ފުރުސަތު ދޭނެ ކަމަށާއި، އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ދައްކާލާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

އެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ތިން ދަރިވަރަކަށް ލެޕްޓޮޕް ހަދިޔާކުރާނެ ކަމަށް ވެސް ބުންޏެވެ.