ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ދުރުކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން ބުނެފައި ވަނީ، އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީއަށް ގެއްލުން ދިނުމެވެ.

ނަޝީދުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ނައިބު، އީވާ މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް ވަނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށް ހުށަޅާފައެވެ. ނަމަވެސް ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ވަނީ ނުގެންދެވިފައެވެ. އަދި ހަމައެހެންމެ އެމްޑީޕީގެ ބައެއް މެންބަރުން އެޕާޓީން ވަކިވެވަޑައިގެންނެވުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އަލުން އައްޔަން ކުރަން ޖެހިފައި އޮތުމުން މަޖިލީހުގެ މަސައްކަތްތައް ވަނީ ދިގުލައިގެން ގޮސްފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އެމްޑީޕީން ވަނީ، މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. މިދިޔަ މަހުގެ 11 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ މައްސަލަ އަނބުރާ ގެންދަން ނިންމައި އެމްޑީޕީގެ މެންބަރުން ސޮއި އަނބުރާ ގެންގޮސްފައިވާ ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެ ދުވަހު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ނިމި ދެވަނަ ދައުރަކަށް މި ސަރުކާރު ގޮސްފައި ނުވާއިރު ޑިމޮކްރަޓްސްއިން ބުނެފައި ވަނީ އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެ ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅަނީ މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ޑިމޮކްރަޓްސްގެ މެންބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.