ރާއްޖޭގެ ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެބޭންދި މައްސަލައެއް ބަަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ގއ. ގދ. އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ސިޓީ ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި އެފަދަ މައްސަލައެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް މި މަހުގެ 6 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެއެވެ. އެކަމާ ގުޅިގެން އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު ބަނޑު ބޮޑު ކޮށްލުމަށް ފަހު ދަރިފުޅުގެ ބަނޑުގައި އޮތް ތުއްތު ދަރިފުޅު ބޭސް ދީގެން މަރާލަން މަސައްކަތް ކޮށް ނުވެއްޓުނީމައި އެކަން ކުރި ބަޔަކު އޭނާ ކައިރީ އެވާހަކަ ދެއްކި ކަމަށެވެ. އަދި އެ ވަގުތު ފުލުހަށް މައްސަލަ ހުށަހަޅި ނަމަވެސް އެ މައްސަލައިގައި ފުލުހުންގެ މާ ބޮޑު އެއްބާރު ލުމެއް ލިބެމުން ނުދާ ކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.

އަދި ޖެންޑާއަށް ވެސް މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް ޖެންޑާގެ ފަރާތުންވެސް އެކަމުގައި އެހީތެރިކަން ލިބެމުން ނުދާ ކަމަށް ބުނެފައި ވެއެވެ. އަދި މި މައްސަލަ ފުލުހުންނާއި އެހެން އިދާރާތަކުން އޮއްބާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އެ ކުޑަ ކުއްޖާގެ މަންމަ ކޮށްފައި ވެއެވެ.

އަދި އޭނާއާ މެދު އެފަދައިން އަމަލު ކުރަމުން ދަނީ ނިކަމެތި މީހަކަށް ވީމަތޯ ސުވާލު އުފައްދާފައި އެ ޕޯސްޓުގައި ބުނެފައި ވެއެވެ. އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ފުލުހުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމުން އެ އިދާރާއިން ބުނީ އެފަދަ މައްސަލައެއް ލިބި އެކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ފަރާތުން ހާމަކޮށްފައި ނުވެއެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް އިތުރު ވަމުން ދާއިރު މިކަންކަމަށް އެދެވޭ ހައްލެއް ހޯދާ ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނުކުޅެދިފައެވެ. މިފަދަ އަމަލުތައް ގިނަ ފަހަރު ހިންގަނީ ކުދިންގެ އިތުބާރު ލިބޭ ފަދަ މަގާމުތަކެއްގައި ތިބޭ މީހުންކަން ފާހަގަ ކޮށްލެވެއެވެ.