އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ނޯތް ޕޮލިސް (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު ހުސްވި އަހަރާއި އޭގެ ދެ އަހަރު ކުރިން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ.

ހުސްވި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފުލުހުން ބަލާފައިވާއިރު ފަހަކަށް އައިސް އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބި މީހުން ކުޑަ ކުދިންނާއި ބެހޭ މައްސަލަތައް ވަނީ އިތުރުވެފައެވެ.