ކުޑަ ފިރިހެން ކުއްޖަކާ ބެހުނު މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ފިރިހެނަކު، 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ހާދިސާ ހިނގާފައި ވަނީ މާލޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއްވެސް ސާފެއް ނުވެއެވެ.

3 އަހަރު ވަންދެން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދެ މީހެއްގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މިދިޔަ ފެބްރުއަރީ މަހުވެސް ހާމަކޮށްފައެވެ. ޖެނުއަރީ މަހު ހުށަހެޅި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.