ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލިމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެއް މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައި ވާތީ ކަމަށެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުންނެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ހުށަހަޅުއްވާފައިވާއިރު މިހާރު އެޗްއާރްސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާގެ އިތުރުން މެންބަރު މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބުއެވެ.

އެޗްއާރްސީއެމްގެ ގަވާއިދު ބުނާގޮތުން އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އަލުން މެމްބަރަކު އައްޔަނު ކުރަންޖެހެއެވެ. އެޗްއާރްސީއެމްގެ މެންބަރުން ކޮމިޝަނަށް އައްޔަން ކުރާތާ ފަސް އަހަރު ދުވަސް ކަމުގައިވާއިރު އެޗްއާރްސީއެމްގެ މެންބަރު ކަމުން ވަކިކުރާ މީހުން ފިޔަވައި އެހެން މެންބަރުން އިތުރު ފަސް އަހަރުގެ މުއްދަތަކަށް ކޮމިޝަނަށް އައްޔަން ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.