ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލްމަހު ބާއްވާނަމަ ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނުޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެފިއެވެ.

ފަރެސް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވާނީ، އެދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެންބަރު އަދި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އަންނަ މަހުގެ 17ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާ ކުރެއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށް ކަމަށެވެ.

މަޖިލިސް އިންތިހާބަށް ގާތްގަޑަކަށް ދެން އޮތީ ހަ މަސް ދުވަސް ކަމަށާއި އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވާއިރު، މިއަހަރު ދެން އެއްވެސް ދާއިރާއެއްގެ ބައި–އިލެކްޝަންސް ކޮމިޝަނުން ނުބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އީސީން ވަނީ އިއުލާންކޮށްފައެވެ. އިންތިހާބަށް މުވައްޒަފުން ހޯދަން އިއުލާނުކުރި ނަމަވެސް އެ އިންތިހާބު ބާއްވާނެ ތާރީހެއް އީސީން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ. އެހެންކަމުން އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ މެންބަރުންގެ އަދަދު 93 އަށް އަރާނެއެވެ.

އެއީ އަލަށް އިތުރުވި ހަ ދާއިރާއާ އެކީގައެވެ. އިތުރުވި ދާއިރާތަކަކީ، ހުޅުމާލެ ދެކުނު ދާއިރާ، ކ. މާފުށި ދާއިރާ، ގުރައިދޫ ދާއިރާ އަދި ފޭދޫ ދެކުނު ދާއިރާއެވެ.