އާރުޓީއެލް ފެރީގައި ދެކުނުގެ ރަށްރަށުގައި ކުރާ ދަތުރުތަކަށް އަންނަ ހަފުތާ އިން ފެށިގެން އަގު ނަގާނެ ކަން ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށް، ދަތުރުތަކަށް ނަގާ އަގުތައް ހާމަކޮށްފިއެވެ.
އާރުޓީއެލް ފެރީގެ ނިޒާމުން ދެކުނުގެ ރަށްތައް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ގުޅާލައި، ދަތުރުތައް ފެށީ އަގު ނުނަގާ ގޮތަށެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން:
ހައިވޭލިންކުގެ ދަތުރުގެ އަގުތައް
- ގދ. ވާދޫން ފުވައްމުލަކަށް (ކޮޅަކަށް 250/- އަދި ދެކޮޅަށް 450/-)
- ގދ. ވާދޫން އައްޑޫ ހުޅުމީދު އަށް (ކޮޅަކަށް 490/- އަދި ދެކޮޅަށް 880/-)
އެތެރޭގެ ދަތުރުގެ އަގުތައް
- ފުވައްމުލަކުން އައްޑޫ ހުޅުމީދު އަށް (ކޮޅަކަށް 250/- އަދި ދެކޮޅަށް 450/-)
- ފުވައްމުލަކުން އައްޑޫ ފޭދު އަށް (ކޮޅަކަށް 250/- އަދި ދެކޮޅަށް 450/-)
- އައްޑޫ ފޭދޫން ހުޅުމީދު އަށް (ކޮޅަކަށް 55/- އަދި ދެކޮޅަށް 110/-)
ސަރުކާރުން އާރުޓީއެލް ފެރީގެ ހިދުމަތް ފެށީ ހުރިހާ ރަށެއް ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމުގެ މަގްސަދުގައެވެ. ދެކުނުގެ ހަތަރު އަތޮޅާއި އެންމެ އުތުރުން ހއ، ހދ، ށ، އަދި ޅ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު އެބަ ދެއެވެ.
ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވި ގޮތުގައި އާރުޓީއެލްގެ ހިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ނ. އަތޮޅުގައެވެ.