މުޅި ރާއްޖެ ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "އާރްޓީއެލް" މަޝްރޫއުގެ މަސައްކަތްތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގެ ތެރެއިން މ. އަތޮޅުގައި މި ހިނގާ މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދަނީ 15 އަތޮޅެއްގެ 145 ރަށަކަށެވެ. ބާކީ ހުރި ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގައި މި ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ބަނުމާއި، ދަތުރުތައް ބާއްވާނެ ތާވަލުތަކާއި ރޫޓުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޔާސިރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ފެރީ ބަނުމަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނައުމުގައި ބައެއް ދަތިތައް ވަނީ ކުރިމަތިވެފައެވެ. ވަރަށް ގިނަ ރޯމެޓީރިއަލްސް ގެންނަން ޖެހެނީ މެދުއިރުމަތީގެ ގައުމުތަކުން ކަމަށްވާތީ، ދަތުރުފަތުރުގެ ދާއިރާއަށް އައިސްފައިވާ ލޮޅުންތަކާއެކު ތަކެތި ލިބުން ލަސްވެ، ބައެއް ޝެޑިއުލްތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތް ނަމަވެސް، ކޮންޓްރެކްޓަރާ ގުޅިގެން މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރުވެސް 35 ލޯންޗެއް ބޭނުންކުރަމުންދާއިރު، އިތުރު 12 ލޯންޗެއް ބަނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މެދުތެރޭގައި މުޅި ރާއްޖެ ގުޅާލުމަށްފަހު، ދެން އޮތް މަރުހަލާގައި އެއް އަތޮޅާއި އަނެއް އަތޮޅު އަދި އެކި ޒޯންތައް ގުޅާލުމުގެ މަސައްކަތް ފެށުމެވެ.
2022 ވަނަ އަހަރު ރާއްޖޭގެ އުތުރުން ފެށި މި ހިދުމަތް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ބާރަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ނިމުމުން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
