އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޕޭމެންޓް ކަލެކްޝަނަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސާވާ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ، ކުރިން ކޮށްފައިވާ ދަތުރުތަކަށް ފައިސާ ކެނޑިފައިވާ މެސެޖުތަކެއް އަތުވެދާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އާރުޓީއެލް ގެ ހިދުމަތް ބޭނުން ނުކުރާ ވަގުތުތަކުގައި ވެސް ކާޑުން ފައިސާ ކެނޑެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު، އެމްޓީސީސީން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ އަލަށް ކާޑުން ފައިސާ ކެނޑެނީއެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ބީއެމްއެލްގެ ޕޭމެންޓް ސިސްޓަމަށް ގެނައި ސާވާ މެއިންޓަނަންސް (އަޕްގްރޭޑް) މަސައްކަތްތަކަކާ ގުޅިގެން، މީގެ ކުރިން ކަސްޓަމަރުން ކޮށްފައިވާ ދަތުރުތަކަށް ލަސްވެގެން އައިސްފައިވާ މެސެޖުތަކެކެވެ.

އެ ކުންފުނިން ޖުލައި 16 ގައި ނެރުނު ބަޔާނެއްގައި ވެސް ވަނީ ބޭންކުގެ ސާވާ މެއިންޓަނަންސްގެ ސަބަބުން ކުރީގެ ދަތުރުތަކުގެ ފައިސާ ކެނޑުނުކަމުގެ މެސެޖުތައް އަތުވެދާނެ ކަމަށް ބުނެ، ކަސްޓަމަރުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ.

މީގެ އިތުރުން އެމްޓީސީސީން ވަނީ މިފަދަ މެސެޖެއް ލިބިގެން، އެއީ ކޮން ދަތުރަކާ ގުޅިގެން ކެނޑުނު ފައިސާއެއްތޯ ޔަގީންކުރަން ބޭނުންވާ ފަރާތްތަކަށް ވެބްސައިޓް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށް ބުނެފައެވެ. އެގޮތުން ބީއެމްއެލް އިން ލިބުނު އެސްއެމްއެސް މެސެޖުގައިވާ ރެފަރެންސް ނަންބަރު ބޭނުންކޮށްގެން، އާރުޓީއެލްގެ ރަސްމީ ވެބްސައިޓުގައިވާ ޗެކް ޓްރިޕް ޑީޓެއިލްސް ލިންކް މެދުވެރިކޮށް އެއީ ކޮން ތާރީހެއްގައި، ކޮން ގަޑިއެއްގައި ކުރި ދަތުރެއްގެ ފައިސާކަން ބަލައިލެވޭނެއެވެ. އަދި އިތުރު މައުލޫމާތެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ، އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން އެދެއެވެ.