ފިރހެނުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާލެއް މަދު ކަމަށާއި ރާއްޖޭގައި އަންހެން މުދައްރިސުންގެ ނިސްބަތަކީ 75 ޕަސެންޓު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހާ ގުޅިގެން މިނިސްތަރު ދިން ހިތާބެއްގައި ވިދާޅުވީ، މިއަހަރު މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ހިޔާރުކޮށްފައިވަނީ "އެދޭ ތައުލީމު ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުން ތައުލީމީ ޒަރޫރަތެއް." ކަމަށާއި މި އިބާރާތުގެ މާނައަކީ ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު، ދަރިވަރުންގެ ކިބައިގައި ކޮންމެހެން މުދައްރިސުން ބޭނުންވާކަން ކަމަށެވެ.

އަދި ރަނގަޅު މުދައްރިސުން ލިބުމުގެ ދަތިކަމަކު ހުރިހާ ގައުމަށް ކުރިމަތިވެފައިވާ ބޮޑުގޮންޖެހުމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މިކަން އިދިކޮޅަށް ޖަހައި ރަނގަޅު މުދައްރިސުން ގިނަކުރުމަށް ހުރިހާ ގައުމަކުން އިސްކަންދީ، ހަރަކާތްތެރިވާންޖެހޭ މަޖުބޫރީ ހާލަތެއް ކަމަށެވެ. އަދި މި ޝިއާރުން އަންގައިދެނީ ތަރައްގީ ވެފައިވާ ގައުމުތަކަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް މި މައްސަލަ ކުރިމަތިވެފައިވާ ކަން ކަމަށް އާއިޝަތު ވިދާޅުވިއެވެ.

އާއިޝަތު އިތުރަށް ވިދާޅުވީ، ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ފަދައިން، ހުރިހާ ގައުމަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ހިޔާރު ނުކުރާކަން ކަމަށެވެ. މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާހައުލުގެ ސަބަބުން، މިދާއިރާގައި އޮތް ޝައުގުވެރިކަން ނެތުމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނައަށް ޔުނެސްކޯއިން ފާހަގަ ކުރާ މައްސަލައަކީ، ފިރހެނުން މި ދާއިރާގައި މަސައްކަތް ކުރާލެއް މަދުވުން ކަމަށާއި ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަންހެން މުދައްރިސުންގެ ނިސްތަކީ 75 ޕަސެންޓު ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

އާއިޝަތު އިތުރަށް ވިދާޅުވީ، ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން ކަމަށާއި ރާއްޒޭގައި ހިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22 ޕަސެންޓަކީ ބިދޭސީން ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

މުދައްރިސްކަމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ޔުނެސްކޯއިން 7 ފިޔަވަޅެއް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވުވީ، އެއްކަމަކީ ފަށައިގަންނަ މުދައްރިސުންގެ ތައުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުން ކަމަށާއި އަދި ކޯސްތަކުގެ ޕީގެ އިތުރަށް، ކިޔަވާ މުއްދަތުގައި ދަސްކުރާ މުދައްރިސުންނަށް އެލަވަންސް އެއް ދިނުން ކަމަށެވެ.

މީގެ އިތުރުން މުދައްރިސުންގެ އުތޫރައާއި އިނާޔަތްތައް ވާންޖެހޭނީ މުދައްރިސަކަށް ވާން ކިޔަވަން ޖެހޭ މުއްދަތާއި މަސައްކަތް ކުރާ ގަޑިއާ އަޅާ ބަލާއިރު، އެހެން ދާއިރާތަކާ އެއްފަދަ އެއްޗަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޔުނެސްކޯއިން ދެކޭގޮތުގައި، މުދައްރިސުން ކިޔަވައިދިނުމަށް ހުސްވާގޮތަށް، އިދާރީ މަސައްކަތްތައް މަދުކުރުމާއި، މަސައްކަތު ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި، މަދަރުސާތައް ހިނގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް ވާގިވެރިވުމަކީ ވެސް މުހިންމު ކަންކަން ކަމަށް ޔުނެސްކޯއިން ދެކޭ ކަމަށެވެ. މިކަންކަމަށް އިސްކަން ދެވިއްޖެނަމަ، ތައުލީމީ ދާއިރާއަށް ދިމާފައިވާ އެންމެ ބޮ ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.