ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މިނިސްޓަރުންގެ ގޮތުގައި ތިއްބެވި 3 މެންބަރަކު އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރުމަކީ އިދިކޮޅު (އެމްޑީޕީގެ) ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވުމެއްގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގާފައިވާކަން ފާހަގަ ކުރައްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުގެ 3 މިނިސްޓަރުން އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

މާޒީގައި ކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބުވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެފަދަ ކަންކަމުން ދުރުވެ، އިންސާފާއި ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް ރައީސް ސޯލިހް ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭސީސީއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އަންނަ އާދިއްތަ ދުވަހު މެންދުރުފަހު 2:30އަށް އެ ކޮމިޝަނަށް ހާޒިރުވުމަށް އަމީރަށް ވަނީ އަންގާފައިވާއިރު ފައްޔާޒް އެ ކޮމިޝަނަށް ހާޒިރުވާންޖެހެނީ ހޯމަ ދުވަހު ހެނދުނު 09:30 އަށެވެ.