ހުޅުމާލެ ފޭސް2 ގައި އިމާރާތްކޮށްފައިވާ ސަލާހުއްދީން ސްކޫލު ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.

މި ސްކޫލު ރަސްމީކޮށް ހުޅުއްވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. މި ސްކޫލުގައި ގްރޭޑް 1-10އަށް ކިޔަވައިދޭއިރު މި ސްކޫލުގެ ކިޔެވުން ފެށީ، 1،709 ދަރިވަރުންނާ އެކުގައެވެ. މި ސްކޫލުގައި ކިޔަވައިދެމުންދަނީ 44 ކުލާސްރޫމެއްގައި އެއްދަންފަޅި އަށެވެ.

ސަލާހުއްދީން ސްކޫލް ރަސްމީކޮށް ރޭ ހުޅުވި ނަމަވެސް މި އަހަރުގެ އޮގަސްޓް 6 ގައި ފެށި ދިރާސީ އާ އަހަރާ އެކީ އެ ތަނުގައި އަންނަނީ ކިޔަވައި ދެމުންނެވެ.

ސަލާހުއްދީން ސްކޫލުގެ ދަރިވަރުންތަކެއް / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ސްކޫލުގައި ފަސޭހަ އިންތިޒާމުތަކެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެހެން ސްކޫލުތަކުގައިވެސް ލިބެން ހުންނަ ހިދުމަތްތައް ދަރިވަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދިފައެވެ.

ސަލާހުއްދީން ސްކޫލް އިމާރާތް ކުރަން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ނިންމާ ގޮތަށް 118 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ނުނިމި ލަސްވިއެވެ.