ވ.ރަކީދޫ ސެޓެލައިޓް ސްކޫލުގެ ކިޔެވުން މިއަދު ފެށުމަކީ ތައުލީމު ހޯދުމަށް އެ ރަށުގެ ރައްޔިތުން އުފުލާ ބުރައަށް ލުޔެއް ހޯދުމަށް ލިބުނު ފުރުސަތެއް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ރަކީދޫ ސްކޫލުގައި ކިޔަވއިދޭން ފަށާފައި ވަނީ އެ ރަށުގައި ތައުލީމުން މަހުރޫމުވެފައި ކުދިންތަކެއް ތިބިކަން ޝުޖާއު ސިޓީއަކުން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައި ވަނިކޮށެވެ.

ޝުޖާއު ވިދާޅުވީ ރަކީދޫ ސުކޫލުގައި ކިޔަވައިދޭން ފެށުމަކީ ތައުލީމު ހޯދުމަށް ރަކީދޫ ރައްޔިތުން އުފުލާ ބުރައަށް ލުޔެއް ހޯދުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި އުންމީދަކީ ރަށުގައި ދިރިއުޅޭ އާބާދީ އިތުރުވެ، އިޖްތިމާއީ ގޮތުން އިތުރު ކުރިއެރުން ލިބުން ކަމަށެވެ.

ފެލިދު އަތޮޅު ކައުންސިލާ، އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ކުރި މަސައްކަތުން މި އަހަރުގެ ފުރަތަމަ ޓާމްގެ "މިޑް ބްރޭކް" ބަންދަށް ފަހު ސްކޫލުތަކުގެ ކިޔެވުން ފެށިއިރު ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފަށާފައި ވަނީ ތިން ދަރިވަރުންނާ އެކުގައެވެ.

ރަކީދޫގައި 4 ކުއްޖަކު ތައުލީމުން މަހުރޫމުވެފައި ތިބުމުން ފެލިދެ އަތޮޅު ކައުންސިލުން އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސާމާލުކަމަށް ގެނެސްފައިވާއިރު އޭރު އެޑިއުކޭޝަން މިނިސްޓްރު އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލަށް ވަނުމަށް އެދި ހުށަހަޅާފައިވަނީ 4 އަހަރު ނުފެރޭ 3 ކުދިން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރަނީ 4 އަހަރުން މަތީގެ ކުދިންނަށް ތައުލީމު ދިނުމަށް ކަމަށެވެ.

އެހެންނަމަވެސް އޭރު ފެލިދެ އަތޮޅު ކައުންސިލުން ބުނީ އެ ރަށުގައި ތައުލީމުން މަހުރޫމުވެފައިވަނީ އުމުރުން 6 އަހަރުގެ ކުއްޖަކާއި، 7 އަހަރުގެ ކުއްޖަކާއި، 11 އަހަރުގެ ކުއްޖެއްގެ އިތުރުން 15 އަހަރުގެ ކުއްޖެއް ކަމަށެވެ.

ރަކީދޫ ސްކޫލަކީ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ސްކޫލު ބަންދުކުރެވިފައި ހުންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސްކޫލެކެވެ. އަދި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން "ސްޓެލައިޓް" ސްކޫލް މޮޑެލްއަށް ހިންގުމަށް ކަނޑައެޅި، ކުރީގައި ރަށުގައި ހުރި ސްކޫލު މަރާމާތުކޮށް މުޅިން އާ ސްކޫލެއްގެ ގޮތުގައި މަސައްކަތްތައް ފުރިހަމަކޮށް ނިމިފައިވާ ސްކޫލެކެވެ.