ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމުގެ ތަރައްގީއަށްޓަކައި މިވަގުތު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހާ ގުޅިގެން އެމަނިކުފާނު މިއަދު ފޮނުއްވެވި ހިތާބުގައި ވިދާޅުވީ، ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށެވެ. އެއާއެކު ދުނިޔެއަށް އަންނަ އިގްތިސާދީ، އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޓީޗަރުންގެ އަގު ވަޒަން ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީވެސް ޓީޗަރުންކަމަށެވެ.

ކުރިއަރަމުން އަންނަ މި ދުނިޔޭގައި ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމީ ތަރައްގީއަށްޓަކައި މިވަގުތު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއް ކަންތައް ކަމަށް އެ ހިތޯބުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމުގެ އިތުރުން، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހާ ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ އާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.