މި ސަރުކާރާ އަދި އިންޑިއާ ސަރުކާރުން އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ސަޕޯޓަރުންގެ ފަރާތުން ރޭ ރައީސް ޔާމީނަށް އެރުވި ފަރިކޮޅުގައި، ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުންނަވާ ސަޕޯޓަރުންނާ ވާހަކަަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ލޯތްބަކީ ޖަލު ގޮޅިއަށް ލިޔަސް އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ.

"މި ސަރުކާރާ އިންޑިއާ ސަރުކާރުންވެސް ހީކުރީ އަޅުގަނޑު ވާދަ ނުކުރަންޏާ އެއްބުރުން އިންތިހާބު ކާމިޔާބު ވާނެކަމަށް. އެހެންނަމަވެސް މާތްﷲގެ ތަދުބީރުގެ ރޭވުންތެރިކަން މާ މޮޅު. މި ސަރުކާރާއި ސަރުކާރު ގައި ތިބި އިލްމުވެރީން ކަމަށް ވިދާޅުވާ ބޭފުޅުންނަށް ވެސް މިހާރު މިކަން އެނގިގެންދާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ހައި ކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް މި ސަރުކާރުން ނުފޫޒު ފޯރުވާފައި ވާ ކަމަށް ދައްކާ ވާހަކަ ތަކުރާރު ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓާ ހަމައިން އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ކަފާލާތުގެ ދަށުން މީހުން ދޫކޮށްލާފައި ވާ ކަމަށެވެ. އެ ގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމް، ފާރިސް މައުމޫން އަދި ގާސިމް އިބްރާހިމަށް ވެސް ކަފާލާތު ލިބިވަޑައިގެންފައި ވާ ކަމަށާއި ނަމަވެސް އެ މަނިކުފާނާ ޖެހުމުން އެ ހައްގުވެސް ލިބިވަޑައި ނުގެންނެވި ކަމަށެވެ. އަދި އިސްތިއުނާފް ނުނިމޭތީ އިންތިހާބު ތަކުގައި ވާދަ ކުރުމުގެ ފުރުސަތު ކުރިން ދިނުމަށް ފަހު އެ އުސޫލު ވެސް އެމަނިކުފާނާ ޖެހުމުން ބަދަލު ކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިތުރަށް ރައީސް ޔާމީން ވިދާޅުވީ މި ފަހަރުގެ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނާ ދެކޮޅަށް ނިންމި ނިންމުމަކީ އެ ކޯޓުން ގާއިމު ކުރި ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށެވެ.

ރައީސް ކަމަކީ އެކަމުގެ އިއްޒަތާ، ޝަރަފާ، ލައްޒަތާ ފައިސާ ބޭނުންވެގެން އަރަން ޖެހޭ ގޮނޑިއެއް ނޫންކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވި ގޮތަށް ހިލާލީ ގެއަށް ބަދަލުވަންދެން އެ މަނިކުފާނު ނެންގެވީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އެހެންކަމުން އެ މަނިކުފާނު ވެރިކަމަށް ވަޑައިގަންނަން އުޅުއްވީ މިއިން އެއްވެސް ކަމެއް ބޭނުންވެ ވަޑައިގެން ނޫންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅަކީ މި ސަރުކާރު ބަދަލުވެގެން ދިޔުންކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އެއީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ.