އަންނަ މަހު 17 ގައި ހުސްވާ މާލެ ސިޓީ މޭޔަރު ކަމުގެ މަގާމަށް، މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައެވެ.

އެއާއެކު އަންނަ ނޮވެމްބަރު 17 ގައި އޭނާ ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މާލެސިޓީ މޭޔަރުގެ މަގާމު ހުސްވާނެއެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި މިއަދު މަހުލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ 17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." މަހުލޫފްގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މަހުލޫފް ހުންނެވީ މި ސަރުކާރުގެ ޔޫތް މިނިސްޓަރު ކަމުގެ މަގާމުގައެވެ. ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ މަހުލޫފްގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފައެވެ. ނަމަވެސް މައްސަަަލަ މުރާޖާކޮށް ބެލިއިރު އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާކަން ސާބިތުކޮށްނުދެވޭނެ ކަމަށް ބުނެ އެ ދައުވާ ވަނީ ހުސްވި އޭޕްރީލް މަހު ޕީޖީން އަނބުރާ ގެންގޮސްފައެވެ.