ރިޔާސީ އިންތިހާބާ ގުޅިގެން އައިޑީކާޑްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތި އެހެން ފަރާތަކަށް އައިޑީކާޑު ދޫކުރުމަށް އަމަލު ކުރަމުން އައި އުސޫލު އުވާލާފައި ވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓާ ދިމާކޮށް އަލަށް 18 އަހަރު ފުރުނު ކުދިންގެ އިތުރުން އައިޑީކާޑުގެ މުއްދަތު ހަމަވުމާ، އަދި އައިޑީކާޑު ހާލާކުވެ/ގެއްލުމާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ އައިޑީކާޑު ހެދުމަށް ހުށަހަޅާފައެވެ. އަދި މި ފަރާތްތަކަށް އިންތިހާބުގެ ވޯޓުލުމުގެ ހައްގު ހޯދައިދީ ލުއިފަސޭހަ ގޮތެއް ހެދުމަށް ޑީއެންއާރް އިން ވަނީ ކުރިން އަމަލު ކުރަމުން އައި އުސޫލު ބަދަލުކޮށް އައިޑީކާޑްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ނަމަ އެހެން ފަރާތަކަށް އައިޑީކާޑު ދޫކޮށްފައެވެ.
ރިޔާސީ އިންތިހާބު ނިމުމާ ގުޅީގެން ޑީއެންއާރްއިން ކުރި އިއުލާނުގައި ބުނީ ރިޔާސީ އިންތިހާބު 2023، މިހާއްސަ ހާލަތާއި ގުޅިގެން އައިޑީ ކާޑުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތި އެހެން ފަރާތަކަށް އައިޑީ ކާޑު ދޫކުރި ނަމަވެސް މި ހާލަތު މިހާރު ނިމިފައި ވާތީ އޮކްޓޯބަރު 04 ވަނަ ދުވަހުން ފެށިގެން އައިޑީ ކާޑު ދޫކުރާނީ ކުރިއެކޭ ވެސް އެއްގޮތަށް އައިޑީ ކާޑުގެ ވެރިފަރާތަށް ކަމަށެވެ. އެހެންނަމަވެސް 18 އަހަރުން ދަށުގެ ކުދިންގެ އައިޑީ ކާޑު ދޫކުރާނީ މަންމަ، ބައްޕަ ނުވަތަ ގާނޫނީ ބެލެނިވެރިޔާ އަކަށް ކަމަށް ޑީއެންއާރް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޑީއެންއާރް އިން ބުނީ މީގެ ކުރިންވެސް އަމަލުކުރަމުން ދިޔަ އުސޫލުގެ ދަށުން ރައްކާތެރިކަ މާއެކު ރަށްތަކަށް އައިޑީ ކާޑު ފޮނުވުމަށްޓަކައި މިއަދުން ފެށިގެން މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް އެރަށެއްގެ ކައުންސިލަށް ކާޑު ފޮނުވަމުން ދާނެ ކަމަށެވެ.