ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ދިވެހިން އާންމުކޮށް ވިޔަފާރި ކުރަން ގޮސް އުޅޭ ޝޮޕިން ސެންޓަރެއްގައި ބަޑީގެ ހަމަލާއެއް ދީ، ތިން މީހަކު މަރާލައިފިއެވެ.

މި ހަދިސާއާ ގުޅިގެން ރިޕޯޓްތައް ބުނާ ގޮތުގައި، ތިން މީހަކު މަރުވެފައިވާ އިރު، އިތުރު ހަތަރު މީހަކު ޒަހަމް ވެފައިވެސް ވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ހަތިޔާރު އެޅި ކަމަށް ތުހުމަތު ކުރެވޭ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

މެޓްރޮޕޮލިޓަން ޕޮލިސް ޑިޓެކްޓިވް ޑިޕާޓްމަންޓްގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ސިއާމް ޕެރަގަން މޯލްގައި ހިނގި ހާދިސާއާ ގުޅިގެން ހަތިޔާރު އެޅި ކަމަށް ޝައްކުކުރެވެނީ 14 އަހަރުގެ ކުއްޖަކަށް ކަމަށާއި އޭނާ ހައްޔަރުކޮށް ސުވާލު ކުރަމުން އަންނަ ކަމަށެވެ.

މި ހަދިސާއާ ގުޅިގެން އެ ގައުމުގެ އެމަޖެންސީ ސާވިސަސް އިން ވަނީ، މޫނު ވަތަށް ވެއްޓިފައި އޮތް މީހަކު ފުލުހުން ހިފަހައްޓައި ކަސްތޮޅު އަޅުވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމު ކޮށްފައެވެ. ނަމަވެސް ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯއިން އާންމު ކުރީ ބޭސްބޯލް ތޮއްޕެއް އަޅައިގެން ހުރި މީހެއްގެ ފޮޓޯއެވެ. އެއާ އެކު ނޫސްތަކުން ބުނެފައި ވަނީ ހަތިޔާރު އެޅި މީހާ އަކީ އެއީ ކަމަށެވެ.

މި ހާދިސާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ވަގުތު އެ ސަރަހައްދު ހަލަބޮލިވާ މަންޒަރުތައް ފެންނެއެވެ. ކުޑަކުދިން ވެސް ހިމެނޭ ގޮތަށް އެ މޯލްގެ ދޮރުން މީހުން ނެރެން ސެކިއުރިޓީ ގާޑުން މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ތެރެއިން އެއް ވީޑިއޯއިން ފެންނަ ގޮތުގައި އެވަގުތު ބޯކޮށް ވާރޭ ވެހުމުން ދިޔައިރު އެ މޯލްގެ ބޭރުގައި ވަނީ ޓްރެފިކްގެ ދިގު ކިޔޫތަކެކެވެ.

އަސްލު ކަން ހިނގައިގެން އުޅޭ ގޮތް އަދި މުޅިން ސާފު ނުވާއިރު އެގައުމުގެ މީޑިއާ ރިޕޯޓްތައް ވެސް ހުރީ އެކި ގޮތަށްކަން ފާހަގަ ކޮށްލެވެއެވެ.