ތައިލެންޑުގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ޕަޓާޔާގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 48 އަހަރުގެ ދިވެއްސެއްގެ އަތުން 2,200 އެމެރިކާ ޑޮލަރު ވަގަށް ނަގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމީހާ ހުރި ހޮޓަލުގެ ކޮޓަރިއަށް ތިން އަންހެނަކު ގެންދިޔަ ފަހުންނެވެ.

މި ހާދިސާގެ ރިޕޯޓް "ކްރައިމް އޭޝިއާ" އަށް ދެމުން އެ މީހާ ކިޔައިދިން ގޮތުގައި، އޭނާ ތައިލެންޑަށް ދިޔައީ ތިން ރަހުމަތްތެރިންނާއެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށް ޕަޓާޔާގެ ރޭގަނޑުގެ މުނިފޫހިފިލުވުންތައް ތަޖުރިބާކޮށްލުމަށެވެ. އަދި މިހާދިސާ ހިނގާދިޔައިރު އޭނާގެ ރައްޓެހިން އޭނާ ހުރި ހޮޓަލުގެ އެހެން ކޮޓަރިއެއްގައި ތިބިކަމަށް އޭނާ ބުނެފައިވެއެވެ.

މި ހާދިސާ ހިނގި ރޭ، ފަތިހު 4:00 ހާއިރު ޕަޓާޔާ ބީޗް ސަރަހައްދުން ބައްދަލުވި ތިން އަންހެނުންނާއެކު އެމީހާ ހޮޓަލަށް ދިޔައީ މަސްތުގެ ހާލަތެއްގައެވެ. އޭނާ ބުނި ގޮތުގައި، އޭނާ ފެންވަރަން ވަން ވަގުތު އެކަކު އޭނާއާއެކު ފާހާނާއަށް ވަދެ ހުއްޓެވެ. އަނެއް ދެ އަންހެނުން ކޮޓަރި ތެރޭގައި މަޑުކޮށްގެން ތިބިއިރު، އެމީހުން ވަނީ އޭނާގެ ދަބަސްތައް ފާސްކޮށް ފައިސާތައް ނަގާފައެވެ.

އެ އަންހެނުން ހޮޓަލުން ނުކުމެގެން ގޮސްފައިވަނީ ހެނދުނު 6:30 ހާއިރުއެވެ. އެމީހުން ދިޔަ ފަހުން ބަލައިލިއިރު، އޭނާގެ އަތުގައި ހުރި 2,200 ޑޮލަރު ގެއްލިފައިވާކަމަށް އޭނާ ބުުނެފައިވެއެވެ. މިއާއެކު ހޮޓަލުގެ ސީސީޓީވީ ފޫޓޭޖުބަލައި އެ ފޫޓޭޖުން އެ އަންހެނުން ހޮޓަލަށް ވަދެ ނުކުމެގެންދާ މަންޒަރު ފެންނަން ހުރިއިރު، އޭގެ ތެރެއިން ދެ އަންހެނަކު އޭނާ ވަނީ ފާހަގަކޮށްފައެވެ.

https://www.instagram.com/p/DYdz-j6DTW8/?utm_source=ig_web_button_share_sheet

މި މައްސަލަ ޕަޓާޔާ ސިޓީ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، ތަހުގީގަށް އެދެވޭ ކުރިއެރުމެއް ލިބެމުން ނުދާތީ އެ މީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މައްސަލަ ރަސްމީކޮށް ހުށަހެޅިފައިވާ ކަމަށާއި، ހެކިތައް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާއެއް އުފުލާފައެއް ނުވެއެވެ.