ތައިލެންޑުގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ޕަޓާޔާގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވައި ފެނުނު މައްސަލައިގައި އޮސްޓްރޭލިއާގެ ރައްޔިތެއްގެ މައްޗަށް މަރުގެ ދައުވާ އުފުލައިފިއެވެ. ތައިލެންޑުގެ ފުލުހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ސައިމަން ޕީޓާ ކާމަންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތައިލެންޑުން ފިލައިގެން ދާން އުޅޭ ކަމުގެ ތުހުމަތުގައި، ބެންކޮކްގެ ސުވަރްނަބޫމީ އެއަރޕޯޓުން ފުރަން ގޮސް ހުއްޓައެވެ. މި ހާދިސާގައި މަރާލާފައިވަނީ ޓުންޗަނޮކް ޑޮންހޮމްލާ ނަމަކަށް ކިޔާ ތައިލެންޑުގެ ކުއްޖެކެވެ.
ޕަޓާޔާ ސިޓީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޓުންޗަނޮކް ގެއްލިގެން އޭނާގެ ރައްޓެހިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 5:00 ހާއިރުއެވެ. ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި ސީސީޓީވީ ފުޓޭޖުތައް ބެލިއިރު، ބުރާސްފަތި ދުވަހުގެ ފަތިހު 3:34 ހާއިރު ސައިމަންއާއެކު ޓުންޗަނޮކް ކޮންޑޯއަކަށް ވަންނަ މަންޒަރު ފެނިފައި ވެއެވެ. އޭގެ އެތައް ގަޑިއިރެއް ފަހުން، ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:25 އާއި 9:48 އާ ދެމެދު ސައިމަން އެކަނި އެ އިމާރާތުން ނުކުމެގެން ދިޔައީ ބޮޑު ކަޅު ކުލައިގެ ފޮއްޓެއް ހިފައިގެން ކަމަށް ފުލުހުން ފާހަގަކޮށްފައި ވެއެވެ. އަދި އޭގެ ފަހުން 9:57 އާއި 10:06 އާ ދެމެދު އޭނާ އެނބުރި އައިއިރު އެ ފޮށި ނެތް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އޭނާ އެ ފޮށި ސައިކަލެއްގެ ފަހަތަށް އަރުވައިގެން ރޭލު ދަގަނޑުތަކާ ދިމާއަށް ދިޔަ މަންޒަރު ވެސް ވަނީ ކެމެރާތަކަށް ރެކޯޑުކުރެވިފައެވެ.
މި މައުލޫމާތުތަކުގެ އަލީގައި ފުލުހުން ސައިމަން ހޯދުމުގެ މަސައްކަތް ފެށިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޕަޓާޔާއާ 150 ކިލޯމީޓަރު ދުރުގައި އޮންނަ ބެންކޮކްގެ މައި އެއަރޕޯޓުން ހޮނިހިރު ދުވަހުގެ ފަތިހު 1:15 ހާއިރުއެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރިތާ ގާތްގަނޑަކަށް 15 މިނެޓު ފަހުން، ރޭލު ދަގަނޑު ކައިރީގައި އޮންނަ ވިނަގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮތް ފޮއްޓެއްގެ ތެރެއިން ޓުންޗަނޮކްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ އޮރިޔާން ހާލުގައި ކަމަށާއި، ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައިގައި ސައިމަންގެ މައްޗަށް މަރުގެ ދައުވާގެ އިތުރުން، މީހެއްގެ ހަށިގަނޑު ފޮރުވުމާއި، ޖިންސީ ގޯނާކުރުމުގެ ބޭނުމުގައި ކުޑަކުއްޖަކު ރަހީނުކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. ނަމަވެސް އޭނާ ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރު ކޮށްފައެވެ.
އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) އަށް ތައިލެންޑުގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސައިމަން ފުރަތަމަ ބުނެފައިވަނީ އޭނާ ނިދާފައި އޮއްވައި ޓުންޗަނޮކް ކޮޓަރިން ގެއްލުނީ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އަމިއްލަ ދިފާއުގައި ކުރި ކަމަކުން ޓުންޗަނޮކް މަރުވީ ކަމަށް ބުނެފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި ހާދިސާ ހިނގަން މެދުވެރިވީ ފައިސާގެ މައްސަލައެއްގައެވެ. ސައިމަން އެއްބަސްވެފައިވަނީ 1،000 ބާތު (ގާތްގަނޑަކަށް 30 އެމެރިކާ ޑޮލަރު) ދިނުމަށް ކަމަށާއި، ނަމަވެސް ފަހުން 500 ބާތު ދިނުމުން ދެމެދުގައި ހަމަނުޖެހުމެއް ހިނގީ ކަމަށް އޭނާ ފުލުހުންނަށް ކިޔައިދީފައި ވެއެވެ.
ޕަޓާޔާ ސިޓީ ޕޮލިސް ސްޓޭޝަންގެ ސުޕްރިންޓެންޑެންޓް ކާނަލް އަނެކް ސްރަތޮންގްޔޫ އޭބީސީއަށް ވިދާޅުވި ގޮތުގައި، ސައިމަންގެ ހަށިގަނޑުގައި މީހަކާ ތަޅައިފޮޅާފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ. އޭނާގެ ކަރުގައާއި އަތުގައި ނިޔަފަތިން އަޅާފައިވާ ކަމަށް ބެލެވޭ ނިޝާންތަކެއް ހުރި ނަމަވެސް، ސައިމަން ވަނީ އެއީ ފައިދިގުމަކުނެއް ހެފުމުގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް ބުނެފައެވެ. ފުލުހުން އާންމުކުރި ވީޑިއޯއެއްގައި، އެ ނިޝާންތަކާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެ ތަނަށް ގިނައިން ފައިދިގުމަކުނު ވަންނަ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ ރެކޯޑުކޮށްފައިވާ ވީޑިއޯއެއްގައި ސައިމަން ވަނީ ޓުންޗަނޮކްގެ އާއިލާއަށް މެސެޖެއް ދީފައެވެ. އޭނާ ބުނި ގޮތުގައި އެ ކުއްޖާއަށް ދިމާވި ގޮތާމެދު އޭނާ ވަރަށް ދެރަވެއެވެ. އަދި އެއީ އޭނާއަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ބޭރުން ހިނގި ކަމެއް ކަމަށް އޭނާ ބުންޏެވެ. އާއިލާއަށް ލިބިފައިވާ ހިތާމަ އިހުސާސްކުރެވޭ ކަމަށާއި، އޭނާއަށް ވެސް އެފަދަ ހިތާމައެއް ލިބިފައިވާ ކަމަށް ސައިމަން ބުނެފައިވެއެވެ. މީގެ އިތުރުން، އެހެން އަންހެން ކުދިން ވެސް ރައްކާތެރިވެ ތިބުމަށް އޭނާ ވަނީ އެދިފައެވެ.
ޓުންޗަނޮކްއަކީ ޕަޓާޔާއާ 480 ކިލޯމީޓަރު ދުރުގައި އޮންނަ ކަލަސިން ޕްރޮވިންސަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާއަކީ އާއިލާގައި ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ބައްޕައާއި ދޮންމަންމައާއެކުގައެވެ. އާއިލާއިން އޭބީސީއަށް މައުލޫމާތު ދިން ގޮތުގައި، ޓުންޗަނޮކް ޕަޓާޔާއަށް ދިޔައީ ޖޫން މަހުގެ 16 ވަނަ ދުވަހު ރައްޓެއްސަކާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ޓުންޗަނޮކްގެ ބައްޕަ ތޮންގްޗައި ޑޮންހޮމްލާ ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ މަރުގެ ސަބަބުން އޭނާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އޭނާގެ ދަރިފުޅަކީ މަންމައެއް ނެތި ބޮޑުވި ކުއްޖެއް ކަމަށާއި، ބޭނުންވާ ކޮންމެ ކަމެއް އަމިއްލައަށް ހާސިލުކުރަން މަސައްކަތްކުރާ، އަދި ބައްޕައަށް ވެސް އެހީތެރިވާ ކުއްޖެއް ކަމަށް އޭނާ ބުންޏެވެ.
ޓުންޗަނޮކްގެ ދޮންމަންމަ އޮރަޑީ ބުއްސަރަކުމް ބުނި ގޮތުގައި، ކުއްޖާ ގެއްލުނު ހިސާބުން ފެށިގެން އާއިލާ ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި އެމީހުން ބިރުގަތް ގޮތަށް ކަންތައް ނުވުމަށް އެދުނު ކަމަށާއި، ނަމަވެސް މިހާރު ހިތާމައިގެ ސަބަބުން ރޮއެރޮއެ ލޯ ދުޅަވެފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ ސައިމަންއަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފައެވެ. އަދި އޭނާގެ ގައިގައި ޖެހުމުގެ ހުއްދައަކަށް ފުލުހުންގެ ކިބައިން އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ. ތައިލެންޑުގެ ގާނޫނުލްއުގޫބާތު ބުނާ ގޮތުން، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު ނުވަތަ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށްގެންދާއިރު، ސައިމަން މިހާރު ހުރީ ޝަރީއަތް ފެށެންދެން ޕަޓާޔާ ސިޓީ ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގައެވެ.
