ތައިލޭންޑްގެ ވިސާ ޕޮލިސީއަށް ގެނެވުނު އައު ބަދަލުތަކާއެކު، މި މަހުގެ 15 އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭނީ 30 ދުވަހު ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. ތައިލޭންޑް ސަރުކާރުން މި ބަދަލުތައް ގެނެސް އޮގަސްޓް 31، 2026 ގައި ރަސްމީކޮށް ގެޒެޓްކޮށްފައިވާއިރު، އައު އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 އިން ފެށިގެންނެވެ.
ދިވެހިރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ގައުމުގައި ތިބުމަށް 15 ދުވަސް ދޭ ގައުމުތަކުގެ ލިސްޓުގައިކަން ފާހަގަކޮށް ހާރިޖީ ވުޒާރާއިން ބުނީ ޖޫން 19، 2026 ގައި މިނިސްޓަރު އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓާ އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިކަމަށެވެ.
ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑް އަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
