އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު 11 ޖެހި އިރު މަޖިލީހުގެ އިދާރާގައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދޮޅުމަހެއްހާ ދުވަހުގެ މަސައްކަތް ނިމި، އަންނަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވާއިރު ތިބޭނީ ތައްޔާރު ވެގެން ކަމަށެވެ. އެގޮތުން ޓްރާންސިޝަނަލް މުއްދަތުގައި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއްބާރުލުން ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ގިނަ ދާއިރާތަކަށް އަލިއަޅުވާލައްވައި މުއިއްޒު ވާހަކަ ދައްކަވާފައި ވާ އިރު، އަދުލު އިންސާފު ދާއިރާއާ ގުޅޭ ގޮތުން ވިދާޅުވި ވާހަކަ ތަކުގެ ތެރޭގައި މަޖީދީ މަގުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން އުދުވާނީ ހަމަލާއަށް ވެސް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އެކަމަށް އިންސާފު ހޯދަ ދީފައި ނުވާ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި، އިންތިގާލި މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިޔުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނި 129،159 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.