ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވާ ތިން މަގާމުން އެއް މަގާމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ. އެގޮތުން މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެއެވެ.

މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވަން ޖެހެއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅުއް ވަނީ އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ކުރިމަތިލުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތަކެވެ.

އެގޮތުން ސީއެސްސީގެ ހުސްވާ 3 މެންބަރުންގެ މަގާމަށް 6 ބޭފުޅެއްގެ ނަން ދިރާސާ ކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ.

ރައީސް ފޮނުއްވި ނަންތައް ތަރުތީބުން

  • މުހައްމަދު ނާސިހު، މ. ފަލްކަންގެ
  • ޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު: 1325
  • ޑރ. ދީބާ މޫސާ، މ. ވައިޓްބެލް
  • ބަދުރިއްޔާ މޫސާ، ދަފްތަރު ނަންބަރު: ރސ 2414
  • ޑރ. ފާތުމަތު މުނާ، ވާދީއާގެ ގއ. ވިލިނގިލި
  • އައިމިނަތު އުއްމުކުލްޘޫމް، މޫންލައިޓް ހައުސް، ސ. މަރަދޫ

އެގޮތުން ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ނާޒިމްގެ އަނބިކަބަލުން ދީބާގެ ނަން އޮތީ ތިން ވަނައި ގައެވެ. އާންމުކޮށް މަޖިލީހުން މިފަދަ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ބަލަނީ ރައީސް ފޮނުއްވާ ލިސްޓުގައި އިސްކަންދެއްވާފައިވާ ތަރުތީބަށެވެ.

ދީބާއަކީ ތައުލީމީ ދާއިރާގައި 20އަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދީިބާ އެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައި ވަނީ، އިނގިރޭސީވިލާތުގެ އީސްޓް އެންގްލިއާ ޔުނިވާސިޓީންނެވެ.