ފެނާއި ނަރުދަމާގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު ނަންބަރު 2020/8، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމެވެ.
މި ބިލުގައި ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކައުންސިލްތަކުގެ ގާބިލުކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައި ވެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި ދިވެހިރާއްޖޭގައި ގާއިމު ކުރެވޭ ލެބޯޓްރީތަކުގައި ފެން ތަހްލީލު ކުރުމުގެ ހިދުމަތް ދިނުމާގުޅޭ ޝަރުތުތައް ކަނޑައެޅުން ވެސް ހިމެނެއެވެ.
ހަމައެއާއެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކުރާ ފަރާތެއްގެ އަދަބުވެސް އެ ބިލުގައި ކަނޑައަޅާފައި ވެއެވެ. މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިއުކުރަންވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވައި، ގެޒެޓުގައި މިއަދު ޝާއިއު ކުރުމާއެކު މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.