އިންތިހާބީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ޕީއެންސީ އާ ގުޅިވަޑައިގެންނެވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާނު ކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފެށްޓެވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުސައިން ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީ އާ ގުޅިވަޑައިގަތީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ޕާޓީ ބަދަލުކުރައްވަމުން ހުސައިން ވަނީ މަޖިލީހަށް ލިޔެކިއުންތައް ހުށަހަޅުއްވައިފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މަޖިލީހަށް އެކަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ހުސައިން ތަމްސީލުކުރައްވާނީ ޕީއެންސީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 19 ހާހެއްހާ ވޯޓުގެ ތަފާތަކުންނެވެ. މުއިއްޒަށް 129،159 ވޯޓު ލިބުނު އިރު ރައީސަށް ލިބުނީ 109،868 ވޯޓެވެ.