ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ގޮތް މަޖިލީހުގެ އިދާރާ އަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި އެމްޑީއޭގެ ފަރާތުން އަދި ހުށަނާޅާ ކަމަށް، މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ގޮތް އަލުން އެކުލަވާލައި، ދިގުލައިގެން ދިޔަ ކޮމިޓީތަކުގެ މައްސަލަ ނިމުމަކަށް ގެނައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ދުވަހު މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމުގެ އިތުރުން، ސަރުކާރު ޒިންމާދާރުކުރަން ޖެހޭ ކޮމިޓީތަކުގެ މުގައްރިރުކަން އިދިކޮޅު މެންބަރުންނަށް ދިނުމަށް ފާސްކޮށްފައިވެއެވެ.

އަދި 21 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން، ކޮމިޓީތަކުގައި ތަމްސީލުކުރާ މެންބަރުންގެ ނަންތައް ފޮނުވުމަށް ވެސް މެންބަރުންނަށް ވަނީ އަންގައިފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނަންތައް ހުށަހެޅުމަށް ދިން ތާރީހުގައި މަޖިލީހުގެ އިދާރާ އަށް މިހާތަނަށް ފޮނުވާފައި ވަނީ ޕީޕީއެމާއި ޕީއެންސީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ނަންތައް އެކަނި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މެންބަރުންގެ ނަންތައް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން އެމްޑީއޭގެ މެންބަރުންގެ ނަންތަކެއް މަޖިލީހުގެ އިދާރާއަކަށް ނުލިބެއެވެ.

އެ ދުވަހު އެމަނިކުފާނު ގަސްދުކުރައްވައިގެން ހުންނެވީ ވޯޓަށް ހުޅުވާލާ ވަގުތު ކޮމިޓީތައް ހަމަޖެއްސުމަށް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ކޯރަމް ހަމަނުވެ ޖަލްސާ ޖެހުނީ ނިންމާލާށެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އޭރު ވިދާޅުވީ، މެންބަރުންގެ ނަންތައް ހުށަހެޅުން ލަސްވީ، ކުރިން ވެސް ކޮމިޓީތަކަށް މެންބަރުންގެ ނަންތައް ހުށަހަޅާފައި އޮއްވާ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ޕާޓީތައް ތަމްސީލުކުރާ ކޮމްޕޮޒިޝަނަށް ބަދަލު އައުމާ ގުޅިގެން، އެމްޑީޕީން މެންބަރުންތަކެއް މަދުވެ، އެ ޕާޓީ އާ ބައެއް މެންބަރުން ގުޅިވަޑައިގަތުމުގެ ސަބަބުން، އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް ކޮމިޓީތަކުން ސްލޮޓް ހަމަޖައްސައިދޭން ޖެހުމުން ކަމަށެވެ.

އެހެންކަމުން މެންބަރުން މިހާރު ތިއްބަވާ ކޮމިޓީ ނޫން އެހެން ކޮމިޓީތަކަށް ބަދަލުކުރަން ޖެހޭ ނަމަ، އެ މެންބަރުންގެ ރުހުން ހޯދުމަށްޓަކައި މެންބަރުންނާ ގުޅައިގެން ރުހުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، ދެ ދުވަހެއްގެ ތެރޭ އެކަން ނިންމާލެވޭނެ ކަމަށް މިދިޔަ އަންގާރަ ދުވަހު އޭނާ ވިދާޅުވިއެވެ. އަދި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ކުރިން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ތަމްސީލުކުރާނެ ގޮތުގެ މައުލޫމާތު އިދާރާއަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު 'ދަ ޕްރެސް' އަށް ވިދާޅުވީ، ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ގޮތް މިއަދު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި އެމްޑީއޭގެ ފަރާތުން އަދި ހުށަނާޅާ ކަމަށެވެ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ގޮތް ތިރީގައި މި ވަނީއެވެ.

  • އާންމު ކޮމިޓީ (8 މެންބަރުން): އެމްޑީޕީގެ 5، ޑިމޮކްރެޓްސްގެ 2، އަދި އަމިއްލަ އެއް މެންބަރު
  • ޕެޓިޝަން ކޮމިޓީ (8 މެންބަރުން): އެމްޑީޕީގެ 6، ޑިމޮކްރެޓްސްގެ 2
  • އިމްތިޔާޒާއި ސުލޫކު ކޮމިޓީ (13 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސް، ޕީއެންސީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • ގަވައިދު ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 6، ޑިމޮކްރެޓްސްގެ 2، ޕީޕީއެމްގެ 1، އެމްޑީއޭގެ 1
  • މާލިއްޔަތު ކޮމިޓީ (15 މެންބަރުން): އެމްޑީޕީގެ 9، ޑިމޮކްރެޓްސްގެ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، އެމްޑީއޭ (ކޮންމެ ޕާޓީއަކުން 1)
  • އިގްތިސޯދީ ކޮމިޓީ (14 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސް، ޕީއެންސީ، ޕީޕީއެމް، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ (12 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސްގެ 2 ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ (ކޮންމެ ޕާޓީއަކުން 1)
  • ގައުމީ ތަރައްގީގެ ކޮމިޓީ (8 މެންބަރުން): އެމްޑީޕީގެ 6، ޑިމޮކްރެޓްސްގެ 2
  • ހާރިޖީ ގުޅުންތަކުގެ ކޮމިޓީ (13 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސް، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • ޖުޑިޝަރީ ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސް، ޕީޕީއެމް، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • ތިމާވެއްޓާ ބެހޭ ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސްގެ 2، ޖުމްހޫރީ ޕާޓީގެ 1
  • ހިއުމަން ރައިޓްސް ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސްގެ 2، އެންއެންޕީގެ 1
  • އެސްއޯއީ ކޮމިޓީ (13 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސްގެ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ (ކޮންމެ ޕާޓީއަކުން 1)