ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޝައުދުވެރިކަން ފާޅު ކުރައްވައި، 50 ޕަސެންޓް ލިބިވަޑައިގަންނަވާނަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާތީ، 50 ޕަސެންޓް ހޯދައިގެން ވަކި މީހަކު ޕާޓީއަށް ވެއްދުން ނޯންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީއަށް މީހުން ވަނުމުގެ އުސޫލެއް އޮންނަ ކަމަށާއި އެއީ ވަކި މީހަކަށް ހާއްސަ އުސޫލެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަށް މެންބަރުން ވެއްދުމާއި ވަކިކުރުމުގެ ކަންކަން ކުރާނީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެކަން ހިނގާނީ އެ މަގަށް ކަމަށެވެ.

ހުސްވި މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ނަތީޖާއަށް ފަހު، ނަޝީދު ވިދާޅުވެފައި ވަނީ 50 ޕަސެންޓް ތާއިދު އޮތް ނަމަ "އަޅުގަނޑު އެމްޑީޕީއާ ގުޅެން ތައްޔާރަށް" ކަމަށެވެ. ނަޝީދު މިގޮތަށް ވިދާޅުވި ކަން ހާމަކުރައްވާފައި ވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ.

ނަޝީދު އެމްޑީޕީ ދޫކުރައްވައި، ނިކުމެވަޑައިގަތީ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އިން ނާކާމިޔާބުވެ ވަޑައިގަތުމުންނެވެ. އެއަށްފަހު 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ޕާޓީއެއް އުފައްދަވާ، އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވިދާޅުވެ، ފާޅުގައި ކެމްޕެއިން ކުރައްވާފައި ވާ އިރު، އިންތިހާބުން ބަލިވުމުން އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.

އެމްޑީޕީގެ ގިނަ މެންބަރުން ބުނަމުން ދަނީ، އެމްޑީޕީ ބަލިވުމުގެ ޒިންމާ ނަޝީދު އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށާއި، "އޭނާ އަލުން އެމްޑީޕީއަށް ވައްދައިގެން ނުވާނެ" ކަމަށެވެ.

"ގައުމީ މަޖިލީހުގެ 99 ޕަސެންޓް ތާއީދެއް ނެތް އެކަމަކަށް އަދި ބަރުލަމާނީ އަށް ވެސް ބުނަނީ އަދި ނޫނެކޭ"

ރައީސް ނަޝީދު ޕާޓީއަށް ވެއްދުމާއި އަދި ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައީސް ތަފްސީލު ދެއްވަމުން ވިދާޅުވީ، ނަޝީދު ވައްދަންވެސް އަދި ނިޒާމު ބަދަލުކުރަން ވެސް ޕާޓީގެ ތާއީދު މިވަގުތު ނެތް ކަމަށެވެ.

ވެރިކަން ކުރާ ރިޠާސީ ނިޒާމު ފުރޮޅާލައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނަގަން ފާސްކޮށް އެ ޒިންމާ އިލެކްޝަންސް ކޮމިޝަނާ މަތިކޮށްފައެވެ.