ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށި ނަމަވެސް، ކޯރަމް ހަމަނުވެ މިއަދުގެ ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިއަދު އެޖެންޑާކުރީ، މި މަހުގެ ފަހުކޮޅު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކުރިން، ގާނޫނުއަސާސީ އަށް އިތުރު އިސްލާހެއް ގެނައުމާ ގުޅޭ މަސައްކަތް ކުރުމަށެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅުއްވައިފައެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރިޔާސަތުގެ ދައުރާއި، ރައީސް އިންތިހާބުކުރާ ގޮތަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ.
އިމްތިޔާޒް ހުށަހެޅުއްވީ، (ށ) ގައި އެހެން އޮތް ކަމުގައި ވިޔަސް، ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ލިބިފައިވާ ބާރުގެ ދަށުން، ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭނަމަ، ނުވަތަ އެފަދަ ކަމަކާ ގުޅިގެން އިތުރު އިސްލާހެއް ގެނެސްފައިވާ ނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނުޖެހޭ ގޮތަށެވެ.
މިއަދު އޮތީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ ގޮތަށެވެ. ނަމަވެސް ކޯރަމް ހަމަނުވެ މިއަދުގެ ޖަލްސާ ޖެހުނީ ނިންމާލާށެވެ. މަޖިލީހުގެ ކޯރަމް ހަމަވުމަށް ބޭނުންވާ 22 މެންބަރުންގެ ތެރެއިން މަދުވީ ހަތް މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޯރަމްގެ ރަނގަބީލު ޖެހުމަށް ފަހު މެންބަރުން ވަޑައިގަންނަވަން ޖެހޭ ވަގުތަށް ވެސް ބަލައި ނިމިއްޖެ ކަމަށާއި، ނަމަވެސް މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވި ކަމަށެވެ.
"މިއަދުގެ މަޖިލީހެއް ނޯންނާނެ، މާދަމާ ވެސް އަޅުގަނޑުމެން މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް މަސައްކަތްކުރާނަން،" ނަޝީދު ވިދާޅުވިއެވެ.
"އެއްގޮތަކަށް ވެސް އުންމީދުނުކުރެވޭ [މެންބަރުންނަށް] ވަޑައިނުގެންނެވެންވީ ސަބަބެއް،"
މިދިޔަ މަހު އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކުރީ ނިޒާމު ކަނޑައެޅުމުގެ ވޯޓުލާން ބޭނުންކުރާ ކަރުދާހުގައި ސުވާލު އޮންނާނެ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް ކުރާ ގޮތަށެވެ. ނަމަވެސް މެންބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާތީ އެ ދުވަހު ވެސް ޖެހުނީ ނިންމާލާށެވެ. އޭގެ ފަހުން މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާ އެއް ނުބާއްވައެވެ.