ވޯޓުލާ ބައެއް މަރުކަޒުތަކުގައި ކެމްޕެއިނަށް ބޭނުން ކޮށްފައިވާ މެޓީރިއަލްސް ހުރި ކަމަށާއި ވޯޓުލާ މަރުކަޒުތަކުގައި ވެސް ކެމްޕެއިން ކުރުމުގެ ގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށް މި ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމުގައި ހަރަކާތްތެރިވި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އިންތިހާބާ ގުޅިގެން ފާހަގަވި ކަންކަން ހިއްސާކުރުމަށް އެޗްއާރްސިީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ، މަދު މަރުކަޒުތަކެއްގައި ކެމްޕެއިންގެ މެޓީރިއަލް ބަހައްޓާފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް އެ ތަކެތި ބަހައްޓާފައި ހުރީ ކަނޑައަޅާފައިވާ ރޭޑިއަސްގައި ނޫން ކަމަށެވެ. އެހެން ނަމަވެސް ކެމްޕެއިން ކުރުން ހުއްޓާލާފައިވާ ވަގުތުތަކުގައި އެކަމަށް އިހްތިރާމް ކުރުމުގެ ގޮތުން ކެމްޕެއިން މެޓީރިއަލްސް ނެގުމަކީ އެދެވިގެންވާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ވޯޓުލާ ސަރަހައްދުތަކުގައި މަދުން ނަމަވެސް ކެމްޕެއިން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަ ކުރަމުން މުނާ ވިދާޅުވީ، ކެމްޕެއިން ކުރުމުގެ ގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމާއި ޕާޓީތަކުން މަރުކަޒުގެ ބޭރުގައި ގްރޫޕް ހަދައިގެން ބައްދަލުވެފައިވާ ކަން ވެސް ފާހަގަވެފައިވާ ކަަމަށެވެ.

ދެވަނަ ބުރުގައި ގިނަ މަރުކަޒުތަކުގައި މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކޮށްފައި ވީ ނަމަވެސް މަދު މަރުކަޒުތަކެއްގައި ސުލޫކީ މިިންގަނޑުތަކާ ހިލާފަވެފައިވާ ކަން މުނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މާ ކައިރިން ފޮޓޯ ނެގުމާއި، މަރުކަޒުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުން ފަދަ އަމަލުތައް ހިންގާފައިވެއެވެ. އަދި އެފަދަ ހާލަތްތަކުގައި މަރުކަޒުގައި ހުރި ވެރިޔަ ވަނީ ވަރަށް އަވަހަށް ގައިޑަންސްދީ މައްސަލަތައް ހައްލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވޯޓު ލަން އަންނަ މީހުން ގެންނަ ގަލަމާ ގުޅޭ މައްސަލައާއި، ވޯޓު ކަރުދާސް ދެއްކި މައްސަލައާއި، އޮބްޒާވަރުންނާއި މޮނިޓަރުންގެ ސުލޫކީ މައްސަލައާއި، ވޯޓު ކަރުދާހުގައި ދެލި ފޭދިފައި ހުރުން ފަދަ މައްސަލަތައް ފާހަގަ ވެފައިވާ ކަމަށް މުނާ ވިދާޅުވިއެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް ވަނީ ވޯޓު ލާ މަރުކަޒުގައި ހުންނަ ވެރިޔާ ހައްލުކޮށް ދީފައިވާ ކަމަށާއި އަދި ބައެއް މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަދު މަރުކަޒުތަކެއްގައި ހަމަނުޖެހުން ހިނގާފައިވާ އިރު އެ ފަދަ ހާދިސާތަކާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވެފައި ވަނީ ވެސް މަދު މަރުކަޒުތަކެއްގައި ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އެގޮތުން ފުލުހުން ހަރަކާތްތެރިވެފައި ވަނީ ވޯޓު ކަރުދާސް ދައްކައިގެންނާއި، ވޯޓު ލުމަށް ފަހު އަނެއްކާ މަރުކަޒަށް ވަންނަން މަސައްކަތް ކުރުމުންނާއި، ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައެއްގައި ކަމަށް މުނާ ވިދާޅުވިއެވެ. އެ ގޮތުން އެޗްއާރްސީއެމުން އޮބްޒާވް ކުރަމުން ދިޔަ ގދ. ވާދޫ ވޯޓު ފޮށި ފަޅާލީ މައްސަލައާ ގުޅިގެން އެ އޭނާ ވިދާޅުވީ، އެ ހާދިސާ ހިނގުމުން ކުރިއަށް އޮތް ތަނުގައި އޮންނަ އިންތިހާބުތަކުގައި މިފަދަ ކަންކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

މި މައްސަލަތއް ފާހަގަ ކުރެވުނު ނަމަވެސް މުޅި ރިޔާސީ އިންތިހާބުގެ އިންތިޒާމްތަކާއި މަސައްކަތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށް އެޗްއާރްސީއެމްގެ އޮބްޒާވަރުން ފާހަގަކޮށްފައިވާ ކަމަށް މުނާ ވިދާޅުވިއެވެ. އަދި މި އިންތިހާބަކީ މިނިވަން އަދި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސްފައިވާ އިންތިހާބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އިންތިހަބުގައި މާލެ ސަރަހައްދުގެ މާލެއާއި ހުޅުމާލެ އަދި ވިލިމަލޭ ހިމެނޭ ގޮތަށް ބަހައްޓާފައިވާ ފޮށިތަކުން އެޗްއާރްސީއެމްގެ އިބްޒާވަރުން ވަނީ 14 ފޮއްޓެއް ފުލްޓައިމްކޮށް ބަލާފައެވެ. އަދި 92 ފޮއްޓެއް އެކި ވަގުތުތަކުގައި ބަލާފައިވާ އިރު ޖުމްލަ 106 ފޮއްޓެއްގެ މަސައްކަތްތައް ބަލާފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އަތޮޅުތަކަށް ބާލައިރު 18 އަތޮޅެއްގައި 31 ރަށެއްގައި ފުލްޓައިމްކޮށް 16 ފޮއްޓެއް ބަލާފައިވާ އިރު، އެކި ވަގުތުތަކުގައި 54 ފޮއްޓަކާއެކު ޖުމްލަ 70 ފޮށި ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން 2 ޖަލެއްގައި އަދި 2 ރިސޯޓެއްގެ 5 ފޮއްޓެއް ބަލާފައިވާ ކަަމަށް ވެސް އެކޮމިޝަނުން ބުނެއެވެ. މި އިންތިހަބުގައި ޖުމްލަ 181 މަރުކަޒެއްގައި އޮބްޒާވްކޮށްފައިވާ އިރު، އެ މަސައްކަތުގައި އެކޮމިޝަންގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި 101 ފަރާތެއް ވަނީ ހަރަކާތްތެރިވެފައެވެ.