ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ފުރިހަމަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޓީ އެއް އެކުލަވާލައްވައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރައްވަން ޖެހޭ ކަންކަން ވީހާ ވެސް އޮމާންކަމާ އެކު ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިގޮތުން، ވެރިކަން ބަދަލުވުމުގެ ކަންކަން އޮމާން ކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އެކުލަވާލެއްވި ކޮމިޓީގައި ހިމެނެނީ:

  • ރައީސް އޮފީހުގެ ސެކްރެޓަރީ ކޯޕަރޭޓް ސާވިސަސް ހުސައިން އާމިރު (ކޮމިޓީގެ އިސް ވެރިޔާ)
  • ޗީފް އޮފް ސްޓާފް އަލީ ޒާހިރު (ކޮމިޓީގެ ވިލަރެސްވެރިޔާ)

ހަމަ އެއާއެކު މުއިއްޒަށް އެހީތެރިކަން ދިނުމަށްޓަކައި ރައީސް އޮފީހުގެ ފަންނީ ޓީމެއްގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކަމާ އެކީގައި ގެންދިއުމަށްޓަކައި އޭނާ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސާ ވާދަކުރައްވައި މުއިއްޒު ކުރި ހޯއްދެވީ 19 ހާހެއްހާ ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން މުއިއްޒަށް ލިބުނީ 129،159 ވޯޓެވެ. އަދި ރައީސަށް ލިބުނީ 109،868 ވޯޓެވެ.