ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައި ވާކަން ފާހަގަ ކުރައްވާ އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އެމަނިކުފާނު ޝުކުރު އަދާކުރައްވާފައި ވަނީ މިއަދު ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލު ކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަ ކުރައްވާފައެވެ.

އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، ވީހާވެސް އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދެވުމަށް ހާއްސަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލުކުރެއްވުމަށާއި އަދި ވަކިން ހާއްސަކޮށް، ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ދުވަސްވަރާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫ ކަންކަމުން އަރައިގަތުމަށް ރައީސް ދެއްކެވި ނަމޫނާ ލީޑާޝިޕް ފާހަގަކުރައްވާ، އެކަމަށްޓަކައިވެސް ރައީސްއަށް ޝުކުރު އަދާކުރެއްވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނި 129،159 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.