އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަރުހަބާ ދަންނަވައިފިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނި 129،159 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ.

އެކަމާ ގުޅިގެން ގާސިމް ވަނީ މުއިއްޒުގެ އިތުރުން އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަށް ނުހަނު ހެޔޮ އެދުމާއި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އެ ދެ ބޭފުޅުން އިންތިހާބު ކުރެވުނު މަގާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ގާނޫނީ ހުކޫމަތު ދަމަހައްޓާއި ދިމިގްރާތީ ހަމަތަށް ނަގަހައްޓާއި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ނަގަހައްޓާއި ދިވެހި ރައްޔިތުންގެ ހަައްގުތައް ރައްކާތެރިކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ގައުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށާއި އިންތިހާބީ ރައީސް މުއިއްޒަށް ގުޅުއްވާ މަރުހަބާ ދަންނަވާފައި ވާނެ ކަމަށެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.