މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާއިރު ލ. ފޮނަދޫ ވޯޓުލާ މަރުކަޒަކުން ކުރަހާފައިވާ ކަރުދާހެއް ދޫކުރި މައްސަލާގައި ކަރުދާސް ދޫކުރަން އިން އޮފިޝަލް ބަދަލުކުރަން ނިންމައިފިއެވެ.
އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ވީޑިއޯއެއް ހިއްސާކުރައްވާ އެ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި ކަމަށެވެ. އަދި އެ 3 ކަރުދާސް ދޫކޮށްފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ޔަގީންވާ މީހުންނަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވަނީ ވޯޓު ބާތިލުކުރަން އެފަދަ ކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރި ވުމަށް އެދިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ޕީޕީއެމްއިން ބުނީ އެ މައްސަލަ ފާހަގަވެގެން އެކަން އީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ދަ ޕްރެސް" އަށް ވިދާޅުވީ އެ މައްސަލަ ފެންމަތިވުމާއެކު ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި އެހެންނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލުން ވޯޓުލާން ފެށޭނެ ކަމަށެވެ.
ހަބީބް ވިދާޅުވީ އެ މައްސަލަ ހިނގާފައިވާ ގޮތް ބަލާނެ ކަމަށާއި އަލުން ވޯޓުލާން ފެށުމަށް ނިންމާފައި ވަނީ ކަރުދާސް ދޫކުރި އޮފިޝަލު އެހެން މަސައްކަތަކަށް ބަދަލުކުރުމަށް ފަހު ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.