‎ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަގާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އިސްމާއީލް ހަބީބު އަބްދުއްރަހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް ހަބީބު އައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

‎މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަބީބަށް ހަވާލުކުރައްވާފައެވެ. ‎އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ހަބީބު ވަނީ، އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ހަބީބު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަހާމު ފާއިތުވި ތިން އަހަރު (2021-2024) އަދާކުރައްވާފައެވެ. މީގެއިތުރުން ހަބީބު ވަނީ ޖެހިޖެހިގެން ދެ ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ހަބީބަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.