ހުސްވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އައްޔަންކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ ނަން މަޖިލީހަށް ފޮނުވައިފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ، އެޗްއާރުސީއެމްގެ މެންބަރުގެ މަގާމަށް ހަބީބު އައްޔަންކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ އިއްވައިފައެވެ. އެ ސިޓީގައި ރައީސް ލިޔުއްވާފައިވާ ގޮތުން:

  • އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނަން ދެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވަނީ ހަބީބު
  • މި މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީ އާ އެކު ވާނެ ކަމަށް ލިޔުއްވި

ރިޔާސަތުން ވަނީ، ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމާއި ތަރުޖަމާނުގެ ދައުރު އަދާކުރައްވަމުން ގެންދެވި ހަބީބު، އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗް މަހުގެ 12 ދުވަހުގައެވެ. ހަބީބް އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.