އެޗްއާރްސީއެމް ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް، އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރަން ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާއެކުގައެވެ. އަދި އެ މަގާމަށް ހަބީބް އައްޔަންކުރަން ނުފެންނަ ކަމަށް 3 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

އެޗްއާރުސީއެމްގެ މެންބަރުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެއާއެކު އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ރިޔާސަތުން ވަނީ އޭނާގެ ނަން ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާލައިފައެވެ. ކޮމިޓީއަށް ހާޒިރުކޮށް ހަބީބް އިންޓަވިއުކޮށްފައި ވާއިރު އޭނާއަށް ވަނީ 89 ޕަސެންޓް މާކްސް ލިބިފައެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ފެންނަ ކަމަށް ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމާއި ތަރުޖަމާނުގެ ދައުރު އަދާކުރައްވަމުން ގެންދެވި ހަބީބު، އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗް މަހުގެ 12 ދުވަހުގައެވެ. ހަބީބް އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.