އެޗްއާރްސީއެމް ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް، އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެއާއެކު އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ރިޔާސަތުން ވަނީ އޭނާގެ ނަން ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާލައިފައެވެ. ކޮމިޓީން އިއްޔެ ވަނީ ހަބީބް އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

އަދި މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވަނީ ހަބީބަށް އެވްރެޖް 75 ޕަސެންޓަށް ވުރެ އިތުރަށް މެންބަރުން މާކްސް ދެއްވާފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ފެންނަ ކަމަށް ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމާއި ތަރުޖަމާނުގެ ދައުރު އަދާކުރައްވަމުން ގެންދެވި ހަބީބު، އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗް މަހުގެ 12 ދުވަހުގައެވެ. ހަބީބް އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.