ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ގޮންޖެހުންތައް އެބަހުރި ކަމަށާއި، އިންސާނީ ހައްގުތަކާ މެދު އާންމުންގެ ތެރޭ މާ ބޮޑު ހޭލުންތެރިކަމެއް ނެތްކަން ފާހަގަކުރެވޭ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަބީބުގެ ނަން ފޮނުއްވީ މި މަހުގެ މެދުތެރޭގައެވެ. ރިޔާސަތުން ވަނީ އޭނާގެ ނަން ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާލައިފައެވެ. މިއަދު އޮތީ އިންޓަވިއުކުރުމެވެ.

އެހެންވެ މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހަބީބު ވިދާޅުވީ، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެޗްއާރުސީއެމުން މަސައްކަތްކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިވެފައިވާ ވަރު މަދު ކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

އެއް ކަމަކަށް، ހަމަހަމަކަމާ އެކީގައި ކަންތައްތައް ކުރުމުގައި ގޮންޖެހުން ހުރިކަން ފާހަގަކުރައްވައި މިސާލުތަކެއްގެ ގޮތުގައި ހަބީބު ނެންގެވީ ރަށްވެހިކަމުގެ ހައްގާއި، އާންމުންނަށް ސަރުކާރުން ހުޅުވާލައިގެން ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމުގެ މައްސަލައާއި، ބިދޭސީންގެ ހައްގުތައް ކަށަވަރުކޮށްދެވިފައި ނުވުމެވެ. އެގޮތުން ހަބީބު ފާހަގަކުރެއްވި ގޮތުގައި:

  • ރަށްރަށުން މާލެއަށް ހިޖުރަކުރާ މީހުންގެ މުސާރައިގެ ބޮޑު ބައެއް ދަނީ ކުއްޔަށް
  • ގޯތި ދޫކުރުމުގެ މައްސަލަ ދިޔައީ އެހާ އިންސާފުންނޫން ކަމަށް ގަބޫލުކުރެއްވޭ
  • ބިދޭސީންނާ ގުޅުންހުރި ހައްގުތައް ވެސް ކަށަވަރުކޮށްދެވިފައި ނެތް، އެގޮތުން ބިދޭސީން ހިއުމަން ޓްރެފިކިން އަށް ފެތޭ ގޮތަށް ގެނެސް އެ މީހުން ދޫކޮށްލާފައި ތިބޭކަން ފާހަގަކުރެއްވި

"އެހެން ހުރި ހައްގުތަކެއް އެބަހުރި، އެ ހައްގުތައް ހޯދުމަށްޓަކައި މަސައްކަތްކުރަން ޖެހޭ، ދެން އަނެއްހެން ބަލާ ކަމަށް ވަންޏާ އެތާ (ކުންފުނިތަކުގައި) އުޅޭ ބިދޭސީންގެ ހައްގުތަކެއް ވެސް، ބިދޭސީން ތަނަކަށް ގެންދެވޭއިރު އެ މީހުންނާ މުއާމަލާތުކުރެވޭނެ ގޮތަކީ ކޮބައިކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެޗްއާރުސީއެމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެންމެ ފުރަތަމަ އޮތީ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ ސަގާފަތެއް ގާއިމްކުރުން ކަމަށާއި، އެ މަސައްކަތްކުރެވޭނީ ހުރިހާ ފަރާތްތަކަކުން ވެސް އެކަން ގަބޫލުކޮށް، އެޗްއާރުސީއެމަށް އެއްބާރުލުން ދީގެން ކަމަށެވެ.

އޭނާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކޮށްފިނަމަ ކުރައްވާނެ ބައެއް ކަންކަން ވެސް ވިދާޅުވިއެވެ. އެ ކަންކަމަކީ:

  • ގާނޫނުއަސާސީގައި ބަޔާންވެގެންވާ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ ސަގާފަތެއް އަށަގެންނެވުން
  • އެޗްއާރުސީއެމާ މެދު އާންމުން ދެކޭގޮތް ރަނގަޅުކޮށް، ޖަމިއްޔާ ޖަމާއަތްތަކާއި ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކޮށް ކޮމިޝަންގެ ހަގީގީ ދައުރު އަދާކުރުމަށާއި އިންސާނީ ހައްގުތައް ގާއިމްކުރުމުގެ މަސައްކަތްކުރުން
  • އާންމުންނަށް ކޮމިޝަނުން ދޭ ހިދުމަތްތައް އޮޓޮމޭޓްކޮށް ފެންވަރު ރަނގަޅުކުރުން
  • މުއައްސަސާތަކާ ގުޅުން ބަދަހިކުރުން
  • ކޮމިޝަންގެ މުވައްޒަފުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް މަސައްކަތްކުރުން
  • ކޮމިޝަންގެ މަސައްކަތްތައް އިދާރީގޮތުން ފުޅާކުރުން

މީގެ އިތުރުން ހަބީބު ވިދާޅުވީ، އެކިއެކި މުއައްސަސާތަކާ ގުޅުން ބަދަހިކޮށް މަޝްވަރާކޮށްގެން ކުރިއަށް ދިއުން މުހިންމުކަމަށާއި، މަޝްވަރާކޮށް ކަންކަން ހައްލުކުރުމަށްޓަކައި ހައްގުތަކަށް އިހްތިރާމުކޮށް ކުރިއަށް ދިއުމުގެ ސަގާފަތެއް ގާއިމްކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެޗްއާރުސީއެމްގެ މަސައްކަތްތައް އާންމުންނަށް އަންގައިދީ އާންމުން ހޭލުންތެރިކުރެވިއްޖެ ނަމަ، އެ ކޮމިޝަނަށް އާންމުންގެ އިތުބާރު އޮންނާނެއެވެ.

އެޗްއާރުސީއެމްގައި ގާބިލް މެންބަރުން ތިއްބެވި ކަމަށް ހަބީބު ގަބޫލުކުރައްވައެވެ. ނަމަވެސް އެ ކޮމިޝަންގެ ވަސީލަތްތައް ފުރިހަމަވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހަބީބު ވިދާޅުވީ، ގްލޯބަލް އެލަޔަންސް އޮފް ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަން (ޖީއޭއެންއެޗްއާރުއައި) އިން ރާއްޖޭގެ އެޗްއާރުސީއެމް ބީ ސްޓޭޓަސްގައި ރޭންކްކޮށްފައި ވަނީ އާދަޔާ ހިލާފު ސަބަބަކަށްޓަކައި ކަމަށާއި، ކޮމިޝަންގެ ސްޓޭޓަސް ބީ އިން އޭ އަށް ދިއުމަށް މެންބަރުން އިސްލާމްދީން ދޫކޮށްލެވިގެން ނުވާނެ ކަމަށާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ ގުޅިގެން ރާއްޖޭގައި އަމަލުކުރަންޖެހޭނީ އިސްލާމްދީނާއި ގާނޫނުއަސާސީގައި އަމަލުކުރަމުންދާ އުސޫލްތަކުގެ އަލީގައި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ މިކަން ރަނގަޅުކުރުމަށްޓަކައި، އޭ ސްޓޭޓަށް ހިއުމަން ރައިޓްސް ކޮމިޝަން އިންސްޓިޓިއުޝަނެއްގެ ގޮތުގަ ދިއުމަށްޓަކައި ހަމަ އިތުރު މަސައްކަތްތަކެއް ކުރެވިދާނެ، އެކަމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ގްލޯބަލް އެލަޔަންސް އޮފް ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންގެ އޭ ގްރޭޑް ހޯދުމަށް އަޅުގަނޑުމެންނަށް އެޗްއާރުސީއެމަށް މި ދެންނެވީ އިތުރު މަސައްކަތްތަކެއް ކުރެވިދާނެ، ރާއްޖޭގެ ހާލަތު އޮތީ މިހެންކަމާއި ބަދަލު ނާދެވޭނެ ކަން،" އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ކަން އޮތް ގޮތް ޖީއެންއެޗްއާރުއައި އަށް އޮޅުންފިލުވައިދީގެން އެޗްއާރުސީއެމް ބީ ސްޓޭޓަސް އިން އޭ ސްޓޭޓަސް އަށް ދިއުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.