މިއަދު ކުރިއަށް މިދާ ރިޔާސީ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގެ 96 ޕަސެންޓު ވޯޓު ފޮށި ހުރީ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީއިން ބުނީ ވޯޓުލާ ފޮށިތަކުގެ 96 ޕަސެންޓު ފޮށިތައް ތައްޔާރު ކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށާއި 4 ޕަސެންޓު ވޯޓު މަރުކަޒުތަކުގައި ވޯތުގެ ސިއްރުކަން ކަށަވަރުނުވާ ކަމަށް އެ ޖަމިއްޔާގެ އޮބްޒާވަރުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ފޮށިތައް އެ ޖަމިއްޔާއިން ގާތުން ބަލަމުންދާނެ ކަމަށެވެ.
9 ޖެހުމުގެ ކުރިން ހުރިހާ ވޯޓު ފޮއްޓެއްގައި ވެސް ވޯޓުލުން ފެށިގެންގޮސްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ފުރަތަމަ 10 މިނެޓު ތެރޭގައި 94.3 ޕަސެންޓު ވޯޓު ފޮށިތަކުގެ ވޯޓުލުން ހުޅުވާލައިފައިވާ ކަމަށާއި ހުރިހާ ވޯޓުލާ މަރުކަޒެއްގައިހެން މަރުކަޒުގައި ތިބެންޖެހޭ އޮފިޝަލުން ހާޒިރުވެ ތިބިކަން އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.
ޓްރާންސްޕޭރެންސީއިން އިތުރަށް ބުނީ ވޯޓުލުމަށް ބޭނުންވާތަކެތި ހުރިހާ މަރުކަޒުތަކުގައި ހަމައަށް ހުރުމާއިއެކު، ވޯޓުލާން ފެށުމުގެ ކުރިން ހުރިހާ ވޯޓުކަރުދާސް ގުނާ ހަމަކުރެވުނު ކަމަށެވެ. އަދި ހުރިހާ ވޯޓުފޮށިތައް ހުސްކަން ޔަގީން ކުރެވުނު ކަމަށެވެ.
މީގެއިތުރުން ޓްރާންސްޕޭރެންސީއިން ބުނީ ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ މަރުކަޒު ތަކެއްގައި ވެސް ހާޒިރުވެ ތިބި ކަމަށާއި 85 ޕަސެންޓު މަރުކަޒުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަންދޫބުން ތިބިއިރު 74 ޕަސެންޓު މަރުކަޒުތަކުގައި އެމްޑީޕީ/އަދާލަތު ޕާޓީ ކޯލިޝަންގެ މަންދޫބުން ތިބި ކަމަށެވެ. އަދި 96 ޕަސެންޓު ވީޓު މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ކަމަށެވެ.
ޓްރާންސްޕޭރެންސީއިން މިއަހަރުގެ ރިޔާސީ އިންތިހާބުު އޮބާޒާވް ކުރާ ދާއިރާތަކަކީ މާލެ ސަރަހައްދާއި، އަތޮޅުތަކާއި، ރިސޯޓްތަކާއި، ސިނާއި ސަރަހައްދުތަކާއި، ޖަލުތަކުގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާއެވެ. މި އަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގައި ވޯޓުލާ ދުވަހު ކަންކަން ހިނގަމުންދާ ގޮތުގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ދަނީ މުޅި އިންތިހާބީ މާހައުލުގައި ކަންކަން ހިނގަމުންދާ ގޮތް ބަލަމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަނޑައަޅާފައިވާ އިންތިހާބީ ގައިޑްލައިންތަކަށް ތަބާވެ، މުޅި އިންތިހާބު ދުވަހު ވޯޓުގެ ސިއްރު ކަށަވަރުކޮށްދިނުމަށް ވޯޓުލާ އޮފިޝަލުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ އިތުރުން ވޯޓަރުންނަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު ވޯޓުލުން ކުރިޔަށްދާއިރު އަދި އޭގެފަހުން ވެސް ސުލްހަވެރިކަމާއެކު ހަމަޖެހުން ގާއިމްކުރެވިފައި އޮތުމަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިލްތިމާސްއެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.