4 ޕަސެންޓު މަރުކަޒުތަކުގެ ސިއްރުކަން ގެއްލިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ މަރުކަޒުތައް ގާތުން އޮބްޒާވް ކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީއިން ބުނީ ވޯޓުލުމަށް ބެހެއްޓިފައިވާ ފޮށިތަކުގެ ތެރެއިން 96 ޕަސެންޓް ފޮށިތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލާ މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައިހުރި ގޮތުން 4 ޕަސެންޓު މަރުކަޒުތަކުގެ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމަށް ފެންނަ ކަމަށާއި އެ މަރުކަޒުތައް ވަރަށް ގާތުން އޮބްޒާވްކުރަމުން ގެންދާނެ ކަމަށެވެ.
އިންތިހާބުގެ ވޯޓުލުން ފެށިފައިވަނީ ޖުމްލަކޮށް ރަނގަޅު އިދާރީ އިންތިޒާމްތަކާއިއެކު ހާމަކަމާއި، އޮމާން ކަމާއި އެކުގައި ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބުނެފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 89.3 ޕަސެންޓް މަރުކަޒުތައް ހެނދުނު 8:10 ގެ ކުރިން ހުޅުވިފައިވާ ކަމާއި ހުރިހާ ވޯޓުލާ މަރުކަޒުތައް ހެނދުނު 9:00 ގެ ކުރިން ހުޅުވިފައިވާކަން އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.
ޓްރާންސްޕޭރެންސީއިން ބުނީ ވޯޓުލާން ފެށުނުއިރު ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ބޭނުންވާ ތަކެތި ހަމައަށް ހުރި ކަމަށާއި 99 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގަައި ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނާ ހަމަކުރެވުނު ކަމަށެވެ. އަދި 99 ޕަސެންޓް މަރުކަޒުތަކުގައި ވޯޓުލުން ފެށުމުގެ ކުރިން ވޯޓު ފޮށީތަކުގެ އެތެރެ ހުސްކަން ޔަގީންކޮށްދިނުމުގެ ގޮތުން ހުސްފޮށިތައް ދައްކާލާފައިވާ ކަމަށެވެ.
މީގެއިތުރުން ޖުމްލަ ގޮތެއްގައި ހުރިހާ ވޯޓުލާ މަރުކަޒެއްގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރެވިފައިވާ ކަމަށާއި 93.7 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި އެކި ޕާޓީތައް ތަމްސީލު ކުރާ މަދުވެގެން 1 އޮބްޒާވަރު ހުރިކަން ޓްރާންސްޕޭރެންސީއިން ވަނީ ފާހަގަކޮށްފައެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ދަނީ މާލެއާއި، އަތޮޅުތަކުގެ އިތުރުން ސްރީލަންކާގެ ކޮޅުނބު އަދި މެލޭޝިއާގެ ކުއަލާ ލަންޕޫރުގައި ބެހެއްޓިފައިވާ 205 ވޯޓު ފޮށި އޮބްޒާވް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި އޮބްޒަވޭޝަންގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވި އަދި ހަރަކާތްތެރި ވަމުންދާ 270 އެއްހާ އޮބްޒާވަރުންނާއި ވޮލަންޓިއަރުން، މިއަދު މި ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި މަސައްކަތް ކުރަމުންދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.