މާލޭގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށް ހުރި އާދަމް އަތުހަރު، 32 އަމިއްލައަށް މަރުވި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.
އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތޫހަރު މަރުވި ހާލަތާ ގުޅިގެން ކަންބޮޑުވާކަމަށެވެ. އަދި ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާދަނިކޮށް އަހްތަރު އިއްޔެ މަރުވިއިރު އޭނާގެ ސިއްހީ ހާލަތަށް ބަލައި ރިމާންޑުގައި ބަންދު ކުރުމަށް ފުލުހުން ނިންމި ސަބަބު ތަހުގީގު ތެރެއިން ހޯދަން ޖެހޭކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.
މި މައްސަލާގައި ފުލުހުން ސީންއަށް އެޓެންޑް ކުރި ގޮތާއި އެ ހިސާބަށް އެ މައްސަލަ ދާން މަގުފަހިވި ސަބަބުތަކާއި މެދު ކަންބޮޑުވުންފާޅުކޮށް މި ބަޔާނުގައި ވަނީ އަތުހަރުގެ ހައްޔަރު ކުރުމާއި އޭނާ މަރުވުމަށް ދިމާވި ހާލަތު މިނިވަންކަމާއި، އިންސާފުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް ގޮވާލާފައެވެ.
ބަންދުގައި ތިބި ހުރިހާ ފަރުދުންގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ޒިންމާ ދައުލަތުން އަދާކުރަން ޖެހޭކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ މި މައްސަލައިގެ ތަހުގީގު އަވަސްކޮށް، ހާމަކަން ބޮޑު ގޮތެއްގައި ހިންގުމާއި އެކު ތަހުގީގުން ހޯދާ ހޯދުންތައް އާންމުކުރުން ގޮވާލާފައެވެ. މީގެ އިތުރުން އެ ބަޔާނުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި
- މާނަހުރި އަދި ފައިދާހުރި އިސްލާހުތައް ދެނެގަނެ، އެކަމަށް މަސައްކަތްކުރުމަށްޓަކައި ޑިޓެންޝަން ފެސިލިޓީތަކުގެ ހާލަތާއި ބަންދުގައި ތިބޭ މީހުން ގަވާއިދުން މޮނިޓާކޮށް، ޕާފޯމްކުރުން ކަށަވަރުކުރުމަށް ކަސްޓޯޑިއަލް އަދި ޑިޓެންޝަން ސިސްޓަމްތަކުގައި އޮވާސައިޓް މެކޭނިޒަމްތައް ރަނގަޅުކުރުންޖެހޭކަމަށެވެ. - ބަންދުގައި ތިބޭ މީހުންނަށް ޒަރޫރީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ގަވާނަންސް މެކޭނިޒަމްތަކާއި މެނޭޖްމަންޓް ސްޓްރަކްޗާ ހަރުދަނާކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަންގެ ހިދުމަތްތައް ހަރުދަނާކޮށް، ކަސްޓޯޑިއަލް އަދި ޑިޓެންޝަން ނިޒާމު އިސްލާހުކުރުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މި ބަޔާނުގައި ވަނީ ފުލުހުންގެ ކަސްޓޯޑިއަލްތަކާއި ހާލަތާއި ޖަލުތަކާއި ކުޑަކުދިންނާއި އެހެނިހެން މީހުން މަރުކަޒު ކޮށްފައިވާ ތަންތަނުގައި ބަދަލުކުރުމަށް މިނިވަން މުއައްސަސާތަކުންނާއި ސަރުކާރުގެ އިދާރާތަކުން ދީފައިވާ ހުށަހެޅުންތަކާއި ލަފާތައް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.